Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

އިޤުތިޞާދު ސިންދަފާތުކުރުމުގައި އެހީތެރިވުމާ ގުޅޭ ފަހުމުނާމާއެއްގައި ސީވެއިކްއާއެކު ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަންފީޒުކުރައްވަން ނިންމަވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވުމާ ގުޅޭ އެއްބަސްވުމެއްގައި އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓްރީއާއި ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓުމެންޓު ކައުންސިލް (ސީވެއިކް)އާ ދެމެދުގައި ސޮއިކޮށްފިއެވެ.

ސީވެއިކްއާއެކު ސޮއިކުރި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އަދި ސީވެއިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ސީއީއޯ ރޯސީ ގްލޭޒްބްރޫކްއެވެ.

ރާއްޖޭގެ މާލީ ޚިދުމަތްތަކުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އިނގިރޭސިވިލާތަށް މިނިސްޓަރު ސައީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާލީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ތަޖުރިބާކާރުންނާއެކު މިނިސްޓަރު ބޭއްވެވި ރައުންޑް ޓޭބަލް މަޝްވަރާތަކަށްފަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގއ އިޤުތިޞާދީ ތަރައްޤީއަށް އިކޮނޮމިކް މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ތަނަވަސް ވަސީލަތްތައް މެދުވެރިކޮށް ސީވެއިކްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި ތިން ދާއިރާއަކުން ސީވެއިކްގެ އެހީތެރިކަން މިނިސްޓްރީއަށް ދިނުމަށް މި ފަހުމުނާމާގައި އެއްބަސްވެފައިވާކަމަށް އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެއިން ފުރަތަމަ ދާއިރާއަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަށް އިތުރު ފައިދާ ލިބޭނެ މަގެއް ފަހިކުރުމުގެ ގޮތުން ސޮވެރިން ވެލްތު ފަންޑެއް ޤާއިމުކޮށް، އެ ފަންޑު ހިންގުމަށް ބޭނުންވާ މުއައްސަސީ އޮނިގަނޑު އެކުލަވައިލާ، ލަންޑަނުގައި އެ ފަންޑު ހިންގައި ބައިނަލްއަޤުވާމި ފެންވަރުގައި އެ ފަންޑު ޕްރޮމޯޓުކުރުމުގެ ފީސިބިލިޓީ ދިރާސާކުރުމެވެ.

އޭގެ އިތުރަށް ބައިނަލްއަޤުވާމީ ބޯޓުފަހަރު ރާއްޖޭގައި ރަޖިސްޓަރީކޮށް އެ ބޯޓުފަހަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިނާއަތް ރާއްޖޭގައި ޤާއިމުކުރުމަށް ބޭނުންވާ މުއައްސަސީ އޮނިގަނޑު ތަރައްޤީކުރުމާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއާ ގުޅިފައިވާ އިންޝުއަރޭންސްގެ ޚިދުމަތް ފަދަ ޚިދުމަތްތައް ފެށުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެއްބަސްވެފައިވެއެވެ.

އަދި ރާއްޖޭގައި މާލީ މަރުކަޒުތައް ޤާއިމުކުރުމާއި ޑިވެލޮމެންޓު ބޭންކުތައް އުފެއްދުމަށް ބޭނުންވާ މުއައްސަސީ އޮނިގަނޑުތައް ތަރައްޤީކޮށް އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގައި އެހީތެރިވުމަށްވެސް ސީވެއިކްއާއެކު އެއްބަސްވެފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މިނިސްޓަރު ސައީދު ކުރިއަށްގެންދެވި ރައުންޑް ޓޭބަލްސްގައި އިނގިރޭސިވިލާތުގެ މާލީ އަދި ޕްރޮފެޝަނަލް ޚިދުމަތްތައް ފޯރުކޮށްދޭ އެކި ކުންފުނިތަކާއި ބޭންކުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ލިއުމާއި ގުޅޭ