ޓިކްޓޮކުން ފައިސާ ހޯދޭނެ މަގުފަހިކުރުމަށް ޓިކްޓޮކާއެކު މަޝްވަރާ ފަށާފައިވާ ކަމަށް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ކުރި ޕޯސްޓެއްގައި ބުނީ ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިވަގުތު ރާއްޖެ އައިސް އުޅޭ ޓިކްޓޮކްގެ ވަފުދަކާ އެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި ޓިކްޓޮކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅާއި ގުޅިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޓިކްޓޮކަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރާ މީސްމީޑިޔާގެ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގައި ކުރު ވީޑިއޯތައް ހަދައި ބަލައި ހިއްސާކުރުމުގެ އިތުރުން ކްރިއޭޓަރ ފަންޑު، ލައިވް ސްޓްރީމިންގ، ބްރޭންޑް ޕާޓްނަރޝިޕްސް، ޓިކްޓޮކް ޝޮޕް ފަދަ ފީޗާތައް ވެސް ހިމެނެއެވެ.