ދިވެހިރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ ދުވަހެއްވެސް ބޭކާރުވެގެންދާން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ހޯރަފުށި އުލިގަމު ތުރާކުނުގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ ދާއިރާގެ ތަރައްގީ ހާސިްލކުރުމުގައި ސަރުކާރާއެކީގައި ކުރިއަށް ދިއުމަށްކަމަށެވެ.
"ތަރައްގީގެ މަގުގައި މިކުރާ މަސައްކަތުގައި އެންމެ ދުވަހެއްވެސް ބޭކާރުވެގެންދާކަށް އަޅުގަނޑު ބޭނުމެއްނޫން" ރައީސް ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކީ ރައްޔިތުންނަށް އަޅުގަނޑުމެން ކަންކަން ކޮށްދޭ ނަތީޖާ ނެރެދެވޭ ދުވަހަކަށް ވާން ބޭނުން، މިކަން ކުރެވޭނީ މިކަމުގައި އެއްބާރުލުން ދޭނެ މެންބަރުންތަކެއް ރައްޔިތުން މަޖިލީހުގައި ތިއްބަވައިގެން" ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވިއެވެ.
"ހޯރަފުށީ ދާއިރާގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންކަމުގައި އަޅުގަނޑުގެ ފުރިހަމަ ތާއީދާއި 100 ޕަސެންޓު އިތުބާރު އޮތް ހަމައެކަނި ބޭފުޅަކީ އަލީ މޫސާ، އަޅުގަނޑު ދެވަނަ ވިސްނުމަކަށް އެއްވެސް އިރެއްގައި ނުދަން މިކަމުގައެއް، ވަރަށް ސާފު އިބާރާތުން މިދަންނަވަނީ، އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮތް ހަމައެކަނި ބޭފުޅަކީ ކެންޑިޑޭޓް ނަމްބަރު 2 އަލީ މޫސާ" ހޯރަފުށީ ދާއިރާއަށް ރައީސްގެ އިތުބާރު އޮތް ހަމައެކަނި މެންބަރަކީ އަލީ މޫސާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.