ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގައި މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންނަށް މައާފުކޮށް ލުއި ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައި ވަނިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރި ޕޯސްޓްގައި ރައީސް ވިދާޅުވީ، ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
އަދި މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި ދަންނަވާފައިވާނެ ކަމަށެވެ. މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލައިގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލައިފައެވެ. އެމީހާ ދޫކޮށްލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.