ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދި މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ)އިން ދެވަނަ ބުރުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.
މިރޭ އެމްޑީއޭގެ ޤައުމީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އުވާލައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށެވެ. އެ ޕާޓީގެ ކައުންސިލުގެ އިތުރު މެންބަރަކު ހުށަހެޅުއްވީ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ތާއީދުކުރި ކުރުން ދަމަހައްޓައި ރައީސް އިބްރާހީމަށް ތާއީދުކުރުމަށެވެ. ތިންވަނައަށް ހުށަހަޅާފައި އޮތީ ރައީސް އިބްރާހީމާއެކު ހެދި ކޯލިޝަން އުވާލައި ޑރ.މުޢިއްޒަށް ތާއީދުކުރަން ހުށަހެޅި ހުށަހެޅުމެވެ.
އެމްޑީއޭގެ ކައުންސިލު ބައްދަލުވުމުގައި 36 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރެއިން ވަކި އަތަކަށް ނުޖެހި ތިބުމަށް ތާއީދުކުރެއްވީ 2 ބޭފުޅުންނެވެ. އަދި އެމްޑީޕީއާއެކު ކުރިއަށް ދިއުމަށްވެސް ތާއީދުކުރެއްވީ ދެ ބޭފުޅެކެވެ. ބާކީ ތިއްބެވި 34 ބޭފުޅުން ތާއީދުކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ތާއީދުކުރުމަށް ނިންމި ނިންމުން އަނބުރާ ގެނެސް ކޯލިޝަން އުވައިލުމާއެކު، ޑރ.މުޢިއްޒަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމަށެވެ.
އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފު ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލުގެ ބޭފުޅުންގެ އަޑުއެއްސެވިކަމަށެވެ. އެ ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވާ ގޮތުގައި ދެވަނަ ބުރުގައި ރައީސް އިބްރާހީމަށް ކާމިޔާބުނުކުރެއްވޭނެ ކަމަށް ކަމުގައި ކަމަށާއި، އެގޮތުން ދެވަނަ ބުރަށް ރައީސް އިބްރާހީމަށް ތާއީދުކުރުމަށް އެއްވެސް ޕާޓީއަކުން ނިންމާފައިނުވާކަމުންނާއި، ފުރަތަމަ ބުރުގެ ބައްޔާއެކު އެމްޑީޕީގެ ކެމްޕެއިން ހުއްޓި ހަމަހިމޭންވުމަކީ ކާމިޔާބުނުވާނެކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ސަބަބެއް ކަމަށެވެ.
އަދި އެމްޑީއޭއިން ޤަބޫލުކުރާ ގޮތުގައި އެ ޕާޓީއަށް ޤައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ހޯދަން ބަލާއިރު އެ ފުރުސަތު ބޮޑަށް ލިބޭނީ އިންތިޚާބު ބޮޑަށް ކާމިޔާބުކުރެވޭނެ ޕާޓީއަކާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގޮސްގެން ކަމަށެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ ޑރ.މުޢިއްޒަށް ތާއީދުކުރުމާއެކު، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެ ޕާޓީން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ޕީޕީއެމް/ޕީއެންސީއާއެކު މަޝްވަރާކުރެވި ކަންތައްތަކަކަށް އެއްބަސްވެވިފައިވާކަމަށް ސިޔާމު ވިދާޅުނުވެއެވެ. ވިދާޅުވީ މަޝްވަރާކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
އެމްޑީއޭގެ ނިންމުމާއެކު މިހާރު ރައީސް އިބްރާހީމަށް ތާއީދުކޮށް އެމަނިކުފާނުގެ ކޯލިޝަނުގައި އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ލީޑާޝިޕުގެ ދަށުގައި އޮތް އަދާލަތު ޕާޓީއެވެ. އެ ޕާޓީ ފިޔަވައި އެއްވެސް ޕާޓީއަކުން އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސަށް ތާއީދުނުކުރެއެވެ. އިންތިޚާބުގެ ދެވަނަ ލިބުނު ޑިމޮކްރެޓުންނާއި 4 ވަނަ ލިބުނު އަމިއްލަ ކެންޑިޑޭޓު އުމަރު ނަސީރާއި 5 ވަނައަށް ދިޔަ ޖުމްހޫރީ ޕާޓީންވެސް ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ދެވަނަ ބުރުގައި ތާއީދުނުކުރުމަށެވެ.