Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިހުމާލު

ހަތް މަހުގެ ކުއްޖަކު މަރުވެ، ގެމަނަފުށީ ސިއްހީ މަރުކަޒަށް އިހުމާލުގެ ތުހުމަތު

ގއ. ގެމަނަފުށީ ހެލްތު ސެންޓަރުން ފަރުވާ ދިން ހަތް މަހުގެ ތުއްތު ކުއްޖަކު މަރުވީ ހެލްތު ސެންޓަރުގެ އިހުމާލުން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު އެނގޭ މީހަކު "ދިޔަރެސް" އަށް ބުނީ މި މަހުގެ 11 ވަނަ ދުވަހު އެންމެ ފުރަތަމަ، ކުއްޖާ ގެމަނަފުށީ ސިއްހީ މަރުކަޒަށް ދެއްކީ ނޭފަތުން ފެން އަންނާތީ ކަމަށެވެ. ނޭފަތަށް އާވި އަރުވަން ބުނުމަށް ފަހު ހޮސްޕިޓަލުން ފުރަތަމަ ފަހަރު ކުއްޖާ ދޫކޮށްލާފައި ވާއިރު، ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ދެވަނަ ފަހަރަށް ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ބޭހަކަށް ބަދަލުކޮށް، ޓެސްޓެއް ހަދަން ޖެހޭ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޓެސްޓުގެ ނަތީޖާ ނެގުމަށް ރޭގަނޑު 8:00 ހާއިރު ހޮސްޕިޓަލަށް ދިޔުމަށް ކައިރިވެފައި ވަނިކޮށް ކުއްޖާ ރޯތީ އަނެއްކާވެސް ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އެ ވަގުތު މަރުކަޒުގައި ހުރި ނަރުހަކު ކުއްޖާއަށް އާވި ވެސް އެރުވި ކަމަށް ވެއެވެ.

ނަމަވެސް ކުއްޖާގެ ރުޔުން އެއްގޮތަކަށް ވެސް ނުހުއްޓުމުން، ޑޮކްޓަރަށް ގުޅައިގެން ގެނެސް ވަނީ ކުއްޖާއަށް ފަރުވާ ދޭން ފަށާފައެވެ. އެންމެ ފުރަތަމަ ސިލިންޖަރަކަށް އައިވީ ފެން ނަގައިގެން ޕްރެޝަރުގައި ކުއްޖާގެ ނޭފަތަށް ދުއްވާލީ ކަމަށާއި ނޭފަތުން އަންނަނީ ހަމައެކަނި އެ ފެންކޮޅު ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

އެހެން ދެތިން ފަހަރު ހެދުމަށް ފަހު އެންމެ ފަހު ފަހަރު ކަނާތް ފަރާތު ނޭޕަތަށް ސިލިންޖަރު ދުއްވާލުމާ އެކު، އައިވީފެނާ އެއްކޮށް ނޭފަތުގެ ވާއަތް ފަރާތުން އައީ ލެއެވެ. ދެން ޑޮކްޓަރު އަވަސްވެގަތީ އިންޖެކްޝަނެއް ޖެހުމަށެވެ. ޑޮކްޓަރު އިންޖެކްޝަން ޖެހިއިރު ވެސް ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން ކުއްޖާ ހޮޑުލުމަށް ފަހު ހަރަކާތް ހުއްޓުނު ކަމަށް ވެއެވެ. އެގޮތަށް ހުއްޓައި މެޝިނު ބަލާލިއިރު ކޮންމެ ވެސް ވަރަކަށް ކުޑަކޮށް ވިންދުގެ އަސަރުހުރި ނަމަވެސް، އިރުކޮޅެއް ނުވެ ލައިން ސީދާ ވެގެން ދިޔައީއެވެ.

އެއަށްފަހު ޑޮކްޓަރު އައިސް ސީޕީއާރު ދިނުމަށް ފަހު މިހާރު ކުއްޖާ ރަނގަޅު ކަމަށް ބުނެފައިވެއެވެ. އެއަށްފަހު ނަރުހުންނާއި ޑޮކްޓަރުންނާ އެކު އިތުރު ފަރުވާއަށް ކުއްޖާ ދެން ފޮނުވާލީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ.

ވިިނލިގިއްޔަށް ގޮސް ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާއިރު، ވެންޓިލޭޓަރަށްލައި ހޮޅި ގުޅުމަށް ފަހު ފޯމެއް ހިފައިގެން ނަރުހަކު އައިސް ކުއްޖާގެ ބައްޕަ ކައިރީ އެދުނީ ސޮއިކުރުމަށެވެ. ވެންޓިލޭރަށް ލުމުގެ ކުރިން ކުއްޖާގެ ބެލެނިވެރިއެއްގެ ހުއްދަ ހޯދަން ޖެހުނަސް އެކަމަށް ވަގުތު ނެތުމުން ހުއްދަ ހޯދާފައެއް ނުވެއެވެ.

ކުއްޖާގެ ބައްޕަ އެ ފޯމުގައި ސޮއި ކުރަން ދެކޮޅު ހެދުމުން ފޯމުގައި ސޮއިކޮށްފައިވަނީ ކުއްޖާގެ މަންމައެވެ. ކަރުން މަތީގެ ސީޓީ ސްކޭނަކާއި ފުއްޕާމޭގެ ސީޓީއެއް ހެދުމަށް އަނެއް ދުވަހު އާއިލާއިން އައީ މާލެއަށެވެ. އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ކުއްޖާ އެޑުމިޓުކުރީ މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ ހިތް އޮތީ ހުއްޓިފައި ކަމަށާއި އެކަން ހައްލުކުރުމަށް ސީޕީއާރާއި، އި އެންޓިބަޔޮޓިކްގެ ޑޯޒު މަތިކޮށްގެން ކުއްޖާއަށް ދީފައިވެއެވެ. 45 މިނެޓު ވަންދެން ސީޕީއާރު ދިނުމަށް ފަހުގައި ވެސް ހިތް މަސައްކަތް ނުކުރުމުން ކުއްޖާ މަރުވީ ކަމަށް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި ކުއްޖާގެ ބައްޕަގެ ބަޔާން ވަނީ ނަގާފައެވެ.

މި މައްސަލައިގައި މިހާތަނަށް ގެމަނަފުށީ ސިއްހީ މަރުކަޒު އަދި ހެލްތު މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ