Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާ ޑޮލަރަށް އޮތް އިތުބާރު ގެއްލެނީ؟

އޭޕްރީލް 2 ގައި ޑޮނަލްޑް ޓްރަމްޕްގެ "ލިބަރޭޝަން ޑޭ" ޓެރިފް އިއުލާނާ ގުޅިގެން މާލީ މާކެޓަށް އައި ލޮޅުންތަކާއިއެކު އެމެރިކާ ޑޮލަރުގެ އަގު ވަނީ ވެއްޓިފައެވެ.

އެމެރިކާގެ ސްޓޮކް މާރކެޓްތައް އޭގެ ފަހުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅި، ސްޓޮކް އެކްސްޗޭންޖްގައި އަގުތައް އުފުލުނު ނަމަވެސް، މާލީ ހަލަބޮލިކަން އޮންނަ ދުވަސްވަރު އާންމުކޮށް އަގުބޮޑުވާ ގްރީންބެކް އަދިވެސް ދަނީ ދަށަށެވެ.

ގްރީންބެކްގެ އަގު ދަށަށް ދަނީ ޓްރަމްޕްގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސިޔާސަތުތަކުގެ ހަރުކަށި ކަމުގެ ސަބަބުން މި އަހަރުގެ ފަހުކޮޅު އެމެރިކާއަށް އިޤްތިޞާދީ ރިސެޝަނެއް އައުމުގެ ފުރުސަތު އޮތުމާއެކު، އެމެރިކާގެ ފައިސާއަށް އޮތް ޑިމާންޑް ދަށްވެފައިވާތީއެވެ.

ޓްރަމްޕްގެ ޓެރިފް ބްލިޓްޒްގެ ސަބަބުން އިންވެސްޓަރުން ޑޮލަރުގެ ނުފޫޒު ކުޑަކުރަމުން ދާނެ ކަމަށާއި ނުވަތަ ޑޮލަރުގެ ނުފޫޒު ނިމުމަކަށް އަތުވެދާނެ ކަމުގެ ފުރުސަތު އޮތްކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ޑޮއިޗެ ބޭންކްގެ އެނަލިސްޓުން ކްލައިންޓުންނަށް ފޮނުވި ނޯޓެއްގައި ބުނެފައި ވަނީ ލިބަރޭޝަން ޑޭގެ އަސަރުތައް ދެމިގެންދާތީ ދުނިޔެ ދަނީ ޑޮލަރަށް އޮތް އިތުބާރުގެ ހީނަރުކަމަކާއި ކުރިމަތިލަމުން ކަމަށެވެ.

ގާތްގަނޑަކަށް އެއް ގަރުނުވަންދެން، އެމެރިކާއަކީ ދުނިޔޭގެ އިންވެސްޓްމަންޓް "ސޭފް ހޭވަން" އެވެ. އަދިވެސް ގިނަ ޤައުމުތަކުން ގްރީންބެކާ ގުޅުވައިގެން އެ ޤައުމުތަކުގެ ފައިސާގެ އަގު ހިފަހައްޓައެވެ.

ނަމަވެސް މިހާރު އިންވެސްޓަރުން ވަނީ ޑޮލަރުގެ ދިގު މުއްދަތުގެ ރައްކާތެރިކަމާމެދު ކަންބޮޑުވާން ފަށާފައެވެ. އަދި އޭގެ ނަތީޖާ ވަރަށް ބޮޑުވެދާނެކަމާއި މެދު ތަޖުރިބާކާރުން ސުވާލެއް ނުއުފައްދައެވެ. އެއީ ސުވާލު އުފެއްދޭވަރަށްވުރެ ސާފު މައްސަލައެކެވެ.

ޑޮލަރަށް ވީ ކިހިނެއް؟

އޭޕްރިލް 2 ގައި، ޓްރަމްޕްގެ ސަރުކާރުން ދުނިޔޭގެ އެތައް ގައުމަކުން އިމްޕޯޓްކުރާ ތަކެއްޗަށް ޓެރިފް ކަނޑައެޅިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެއް އޮތް އެމެރިކާއަށް އިތުބާރު ގެއްލި، އެމެރިކާގެ މާލީ އެސެޓްތައް ވިއްކާލަން ޖެހުނެވެ.

"ލިބަރޭޝަން ޑޭ" ގެ ފަހުން އައި ތިން ދުވަހުގެ ތެރޭގައި އެސް އެންޑް ޕީ 500 އިންޑެކްސްގެ އަގުން 5 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ގެއްލިގެން ދިޔައެވެ.

އެމެރިކާގެ ޓްރެޜަރީތަކީ ކުރިން އެންމެ ރައްކާތެރި އިންވެސްޓްމަންޓްގެ ގޮތުގައި ބެލެވުނު ނަމަވެސް އޭގެ އަގު ދަށްވެ، އެމެރިކާ ސަރުކާރުގެ ދަރަނީގެ އަގު މައްޗަށް ދިޔައެވެ.

މާލީ މާރުކޭޓްތަކަށް ކުރިމަތިވި ލޮޅުންތަކުގެ ސަބަބުން އޭޕްރިލް 9 ގައި ޓްރަމްޕް ވަނީ ޗައިނާގެ އެކްސްޕޯޓްތައް ފިޔަވައި އެހެން ހުރިހާ ޓެރިފްތަކެއް 90 ދުވަހަށް ހުއްޓާލާނެކަން އިއުލާނުކޮށްފައެވެ. ނަމަވެސް އިންވެސްޓަރުން އަދިވެސް ޑޮލަރާ ގުޅުންހުރި އެސެޓްތައް ބެހެއްޓުމާމެދު ފަރުވާތެރިވެއެވެ.

އޭޕްރިލް މަހު މިހާތަނަށް، އެހެނިހެން ފައިސާތަކާ އަޅާބަލާއިރު ޑޮލަރުގެ އަގު ވަނީ 3 ޕަސެންޓް ދަށްވެ، ތިން އަހަރުގެ ތެރޭގައި އެންމެ ދަށް އަގަށް ވެއްޓިފައެވެ. މިއީ 2025 ގެ ފެށުނީއްސުރެ 10 ޕަސެންޓާ ގާތްކުރާ މިންވަރަކަށް ދަށްވެފައިވާ ދަށްވުމެކެވެ.

ބޭންކް ޖޭ ސަފްރާ ސަރަސިންގެ ޗީފް އިކޮނޮމިސްޓް ކާސްޓަން ޖޫނިއަސް އަލްޖަޒީރާއަށް ވިދާޅުވީ އިންވެސްޓަރުން ދަނީ އެމެރިކާގެ އެސެޓްތައް ވިއްކާލަމުން ކަމަށާއި ޑޮލަރުގެ އަގު އަންނަނީ ދަށްވަމުން ކަމަށެވެ.

"[އޭޕްރިލް 9 އިން ފެށިގެން އެމެރިކާގެ އިކުއިޓީ އަގުތަކާ އަޅާބަލާއިރު] ޑޮލަރުގެ އަގު އެހާ މައްޗަކަށް ނުދޭ. އެއީ އެމެރިކާގެ އިޤްތިޞާދީ ސިޔާސަތު ކަނޑައެޅުމުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާ ޑޮލަރު މިހާ މުހިންމުވަނީ ކީއްވެ؟

ވޭތުވެދިޔަ 80 އަހަރު ވަންދެން، އެމެރިކާ ޑޮލަރަކީ މައި ރިޒާވް ފައިސާގެ ގޮތުގައި (ދުނިޔޭގެ ފައިސާގެ އޮތޯރިޓީތަކުން ގިނަ އަދަދަކަށް ބަހައްޓާ ބޭރު ފައިސާގެ ގޮތުގައި) ދެމިއޮތެވެ.

ޑޮލަރު ދުނިޔޭގެ މައި ފައިސާގެ ގޮތުގައި އައީ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުންނެވެ. ޔޫރަޕާއި ޖަޕާން ހަލާކުވަމުން ދިޔައިރު، އެމެރިކާއިން ފައިސާ ހޯދަމުން ދިޔައެވެ.

ދެން، 1971 ގައި، ރިޗަޑް ނިކްސަން އެމެރިކާ ޑޮލަރުގެ އަގު ރަނާ ގުޅުން ކަނޑާލުމުން ދުނިޔޭގެ މާލީ ނިޒާމު ބެލެހެއްޓުމުގައި ޑޮލަރުގެ ދައުރު އިތުރުވިއެވެ. އަދި އޭގެ ޑިމާންޑްވެސް އިތުރުވިއެވެ. "ނިކްސަން ޝޮކް" އަށްފަހު، ގިނަ ޤައުމުތަކުން ރަނަށް ބަދަލުކުރެވޭ ގޮތް ދޫކޮށްލި ނަމަވެސް، މާކެޓުން ކަނޑައަޅާ އެކްސްޗޭންޖް ރޭޓްތަކެއް ނުގެންގުޅެއެވެ. އޭގެ ބަދަލުގައި، އެމީހުންގެ ފައިސާ ޑޮލަރާ ގުޅުވާލިއެވެ.

ވިޔަފާރިއާއި މާލީ ދާއިރާގައި އޮތް ބާރުގެ ސަބަބުން، ޑޮލަރަކީ މައި ފައިސާގެ އަންކަރަކަށް ވެގެން ދިޔައެވެ. މިސާލަކަށް 1980 ގެ އަހަރުތަކުގައި، ގިނަ ގަލްފް ޤައުމުތަކުން އެމީހުންގެ ފައިސާ ޑޮލަރާ ގުޅުވާލަން ފެށިއެވެ.

އޭގެ ނުފޫޒު އެހިސާބުން ނުހުއްޓެއެވެ. އެމެރިކާއިން ދުނިޔޭގެ ޖީޑީޕީގެ ހަމައެކަނި ހަތަރުބައިކުޅަ އެއްބައި އުފައްދާއިރު، އެޓްލާންޓިކް ކައުންސިލްގެ މަޢުލޫމާތު ދައްކާގޮތުން 2023 ގައި ދުނިޔޭގެ އެކްސްޕޯޓްގެ 54 ޕަސެންޓް ހުރީ ޑޮލަރުންނެވެ. މާލީ ދާއިރާގައި ޑޮލަރުގެ ނުފޫޒު މާ ބޮޑެވެ. ހުރިހާ ބޭންކް ޑިޕޮސިޓްތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓް ހުރީ ޑޮލަރުންނެވެ. އަދި ބައިނަލްއަޤްވާމީ ބޮންޑްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓް ކޯޓްކުރަނީ އެމެރިކާ ފައިސާއިންނެވެ.

އެއާއެކު، އައިއެމްއެފް އިން ބުނާގޮތުގައި ދުނިޔޭގެ ބޭރު ފައިސާގެ ރިޒާވްގެ 57 އިންސައްތަ (ދުނިޔޭގެ މަރުކަޒީ ބޭންކުތަކުގައި ބެހެއްޓިފައިވާ އެސެޓްތައް) ހުރީ ޑޮލަރުގައެވެ.

ނަމަވެސް ޑޮލަރުގެ ރިޒާވް ސްޓޭޓަސް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެމެރިކާގެ އިގްތިސާދާއި، އޭގެ މާލީ މާރކެޓްތަކާއި އަދި ގާނޫނީ ނިޒާމުގެ މައްޗަށް އޮންނަ އިތުބާރުގެ މައްޗަށެވެ.

ކުރިން ވާހަކަދެއްކެވި އިކޮނަމިސްޓް ޖޫނިއަސް ވިދާޅުވީ ޓްރަމްޕް އެކަން ބަދަލުކުރަމުން އެބަދެއެވެ. "އޭނާއަކަށް ބައިނަލްއަގްވާމީ މިންގަނޑުތަކެއް މުހިންމެއް ނޫން." އޭނާ ވިދާޅުވިއެވެ.

އެޕޮލޯ އެސެޓް މެނޭޖްމަންޓުން ބުނާގޮތުގައި ބޭރުގެ ފަރާތްތަކުން އެމެރިކާގެ 19 ޓްރިލިއަން ޑޮލަރުގެ އިކުއިޓީސްއާއި، 7 ޓްރިލިއަން ޑޮލަރުގެ ޓްރެޜަރީސްއާއި އަދި 5 ޓްރިލިއަން ޑޮލަރުގެ ކޯޕަރޭޓް ބޮންޑްސް މިލްކުކުރެއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ ޖީޑީޕީގެ 30 އިންސައްތައެވެ.

މި އިންވެސްޓަރުންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ޕޮޒިޝަންތައް ކުޑަކުރަން ފެށިނަމަވެސް، ޑޮލަރުގެ އަގަށް ދެމިގެންދާ ފަދަ ބޮޑު ޕްރެޝަރެއް ކުރިމަތިވެދާނެއެވެ.

ޑޮލަރުގެ އަގު ދަށްވުމުގެ ނަތީޖާތަކަކީ ކޮބާ؟

ޓްރަމްޕްގެ ޓީމުގައި ތިބި ގިނަ ބަޔަކު ދެކޭގޮތުގައި އެމެރިކާ ޑޮލަރުގެ ރިޒާވް ސްޓޭޓަސްގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑެވެ. އެއީ ޑޮލަރުގެ އަގު މަތިވެ، އެމެރިކާގެ އެކްސްޕޯޓްތަކުގެ އަގު ބޮޑުވާތީއެވެ.

ޓްރަމްޕްގެ އިކޮނޮމިކް އެޑްވައިޒަރުންގެ ކައުންސިލްގެ ޗެއަރ ސްޓީފަން މިރަން ފަހަކަށްއައިސް ބުނެފައިވަނީ ޑޮލަރުގެ މަތީ އަގުތަކުގެ ސަބަބުން "އަޅުގަނޑުމެންގެ ކުންފުނިތަކާއި މަސައްކަތްތެރިންނަށް އެކަށީގެންނުވާ ބުރައެއް އުފުލަން ޖެހި، އެމީހުންގެ އުފެއްދުންތަކާއި މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަވެރި ނުވާ" ކަމަށެވެ.

ޑޮލަރުގެ އަގު މަތިވުމަކީ އެމެރިކާގެ ވާދަވެރިކަން ގެއްލިގެން ދިއުމަށް މެދުވެރިވި އެއް ސަބަބެވެ. އަދި ޓެރިފްތަކަކީ މި ނުރަނގަޅު ޙަޤީޤަތަށް ދެވޭ ރައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ދަށްވުމުން އެމެރިކާގެ މުދާ ބޭރުގެ ގަންނަ ފަރާތްތަކަށް އަގުހެޔޮވެ، ޤައުމުގެ މެނުފެކްޗަރިންގ އަށް އެހީތެރިވެ، ވިޔަފާރީގެ ދަރަނި ކުޑަކުރުމަށް މަގުފަހިވާނެއެވެ.

އޭޕްރީލް 11 ގައި، ޔޫރޯ ތިން އަހަރުގެ އެންމެ މަތީ އަގު ކަމުގައިވާ 1.14 ޑޮލަރަށްވުރެ މައްޗަށް ގޮސް، މަހުގެ ފެށުނީއްސުރެ ޑޮލަރާ އަޅާބަލާއިރު 5 ޕަސެންޓަށްވުރެ މަތިވެފައިވެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފައިސާގެ ގޮތުގައި ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް އަތުވެދާނެތަ؟

ކޮލަމްބިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އޮކަމްޕޯ އަލްޖަޒީރާއަށް ވިދާޅުވީ މިވަގުތަށް، ޑޮލަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ނަމަވެސް އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދީ ބިންގާ ބަލިކަށިކުރުމުގެ ސަބަބުން، ޓްރަމްޕް އަންނަނީ ދުނިޔޭގައި ޑޮލަރުގެ ނުފޫޒު ކުޑަކުރަމުންނެވެ. އޮކަމްޕޯ ފާހަގަކުރެއްވި ގޮތުގައި މީގެ ފައިދާ ލިބިދާނެ ދެ ފައިސާއެއް އެބައޮތެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ސްވިސް ފްރޭންކަށް ފައިސާ ވަންނަމުންދާތަން. ނަމަވެސް ޔޫރޯއަކީ ޑޮލަރުގެ ހަގީގީ ބަދަލު،" އޭނާ ވިދާޅުވިއެވެ.

މިހާރު ބައިނަލްއަގްވާމީ ބޭރު ފައިސާގެ ރިޒާވްގެ 20 ޕަސެންޓަކީ ޔޫރޯއެވެ. މިއީ ޑޮލަރުގެ އަދަދުގެ ތިންބައިކުޅަ އެއްބައެވެ.

"ޔޫރަޕިއަން ޔޫނިއަނަށް މާލީ އެއްބައިވަންތަކަމާއި، އަދި ޚާއްސަކޮށް އެމީހުންގެ މާލީ މާކެޓްތަކުގައި އިތުރު އެކުވެރިކަމަކަށް އެއްބަސްވެވިއްޖެނަމަ، އެއީ މި ޒިންމާ ނަގާނެ ފައިސާ ކަމުގައި ވެދާނެ،" އޮކަމްޕޯ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ