Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ނާޒިމް

މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލް އެޅުމަށް އިންވެސްޓަރުން ޝައުގުވެރިވޭ: ނާޡިމް

ރާއްޖޭގައި މެޑިކަލް ޓުއަރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ގިނަ ފޮރިން އިންވެސްޓަރުންގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިހެން މިނިސްޓަރ ވިދާޅުވީ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ނާޡިމް ވިދާޅުވި ގޮތުގައި، ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތްތަކާއި އަދި މީހުން ތަމްރީނުކުރެވޭނެ ކޮލެޖެއް ޤާއިމްކުރުމަށް ވެސް ޕްރޮޕޯސަލް ލިބިފައިވެއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ރަނގަޅުކަމެއް. އަޅުގަނޑުމެން މި ދަނީ އެކްސްޕްލޯވެސް ކުރަމުން. އެކަން އެގޮތައް ކުރެވިއްޖެ ނަމަ ހިނގައިމުކަމަށް ވާނެ" ނާޡިމް ވިދާޅުވިއެވެ.

ރާއްޖެއަކީ ލަގްޒަރީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޓޫރިޒަމްގެ ދާއިރާ ފުޅާ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއެކު، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ފަތުރުވެރިން އިތުރަށް ޝައުޤުވެރިކުރުވާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން އުންމީދުކުރެއެވެ.

މި ލިއުމާއި ގުޅޭ