މި ހަފްތާތެރޭގައި ޒަކާތު ފަންޑުގެ ސްކޮލާޝިޕަށް ހުޅުވާލާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޮލާޝިޕް މި ހަފްތާގައި އިއުލާނު ކުރާނެ ކަމަށެވެ. އެ ގޮތުން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާ ނުވަތަ ޕީއެޗްޑީގެ ގިނަ ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ.
މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ވެސް އިއުލާނު ކުރާނެ ކަމަށާއި މެޑިސިންގެ ދާއިރާއިން މިޤައުމުގައި ސުޕާ ސުޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް އެހީ ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފުރުސަތުތަކަށް ފަންޑު ކުރެވިގެންދާނީ ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރެވޭނެ ކަމަށާއި މިކަންކަމަކީ، ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ. އެއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިި 34 މިލިއަން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.