މުސްލިމުންގެ 14 ބިލިއަން ޑޮލަރަށްވުރެ ގިނަ އަގުހުރި ވަގުފު ބިންތައް އިންޑިއާ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރަށް ނެގޭގޮތައް ވަގުތު ބެލެހެއްޓުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލަކީ ބީޖޭޕީގެ ހިންދޫ ނެޝަނަލިސްޓް ސަރުކާރުން ހުށަހެޅި ބިލެކެވެ.
ވަގުފު ބިލުގެ ދަށުން ވަގުފު ބެލެހެއްޓުމުގެ ބޯޑުތަކަށް މުސްލިމުން ނޫން މީހުން އިތުރުކުރެވި، އެތަންތަނުގެ ބިންތައް ވެލިޑޭޓް ކުރުމުގައި ސަރުކާރުގެ ދައުރު ބޮޑުވެގެންދާނެއެވެ.
ނަމަވެސް އިންޑިއާގެ މުސްލިމުން ބުނާ ގޮތުގައި މިބަދަލުތަކާއެކު ވަގުފު މުދާތަކުގެ ތެރޭގައި ހިމެނޭ ތާރީޚީ މިސްކިތްތަކާއި، ފިހާރަތަކާއި، ޒިޔާރަތްތަކާއި، ގަބުރުސްތާނުތަކާއި، އަދި އެތައްހާސް އޭކަރުގެ ބިންތައް އަތުލުމާއި، ދެބަސްވުންތަކާއި، ތަޅާލުމަށް މަގުފަހިވާނެއެވެ.
ބުދަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވަގުފު ބިލާ ގުޅޭގޮތުން ހޫނު ބަހުސްތަކެއް ކުރެވުނެވެ. ކޮންގްރެސްގެ އިދިކޮޅު ފަރާތްތަކުން ބުނީ މި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު އަދި މުސްލިމުންނާ ދެކޮޅަށް ތަފާތުކުރުން ގެންގުޅޭ ބިލެއް ކަމަށެވެ.
ބީޖޭޕީއަށް ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އަޣުލަބިއްޔަތު ނެތް ނަމަވެސް، އެ ޕާޓީ އާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އެހީގައި ބުރާސްފަތި ދުވަހު ހެނދުނު ނެގި ވޯޓްގައި 288 މެންބަރުން ބިލް ފާސްކުރަން ވޯޓް ދިނެވެ. ބިލާއި ދެކޮޅަށް 232 މެންބަރުން ވޯޓް ދިނެވެ.
ވަގުފު ބިލަށް ގެނެވުނު އެންމެ ޚިލާފު ބޮޑު އެއް ބަދަލަކީ މިލްކުވެރިކަމުގެ ގަވާއިދުތަކަށް ގެނެވުނު ބަދަލެވެ. މިއީ އެތައް ސަތޭކަ އަހަރެއް ކުރިން ޤާނޫނީ ލިޔެކިޔުމެއް ނެތި ހަދިޔާކުރެވިފައިވާ ގިނަ މިސްކިތްތަކާއި، މަހާނަތަކާއި، ގަބުރުސްތާނުތަކަށް އަސަރުކުރާނެ ބަދަލެކެވެ.
އިންޑިއާގެ ގިނަ މުސްލިމުން ބިރުގަންނަނީ މޯދީގެ ވެރިކަމުގައި މުސްލިމުންނަށް ދެކޮޅަށް ހަމަލާތައް އިތުރުވެ، ހަރުކަށިވެފައިވާ ދަނޑިވަޅެއްގައި ހިންދޫ ނެޝަނަލިސްޓް ސަރުކާރުން މުސްލިމުންގެ މުދަލުގެ މައްޗަށް މާ ބޮޑު ބާރެއް ލިބިގެން ދާނެތީއެވެ. މުސްލިމުންނަށް އަމާޒުކޮށް އެމީހުންގެ ކާބޯތަކެއްޗާއި، ހެދުން އެޅުމާއި ހަމައަށް ނުފޫޒު ފޯރުވަމުންދާ ދުވަސްވަރެއްގައި މިފަދަ ބިލެއް ފާސްކޮށް ގާނޫނަކަށް ވުމުން ނުރައްކާތައް އިތުރުވާނެ ކަމަށް އިންޑިއާގެ މުސްލިމުން ބުނެއެވެ.
އިންޑިއާގައި ވަގުފު ބިންތަކުގެ ސައިޒް ގާތްގަނޑަކަށް އެއް މިލިއަން އޭކަރު (ގާތްގަނޑަކަށް 1562.5 އަކަ މޭލު) އަށް އަރައެވެ. މިއީ މޮރިޝަސްގެ ބޮޑުމިނުގެ ދެ ގުނައެވެ. މި މުދާތައް ބަލަހައްޓަނީ އިންޑިއާގެ އެކި ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގައި ސަރުކާރުން އުފައްދާފައިވާ 32 ވަގުފު ބޯޑުންނެވެ.
ކޮންމެ ސްޓޭޓެއްގެ ބޯޑުގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރާ މެންބަރުންނާއި، މުސްލިމް މެންބަރުން (މިހާރުގެ ނުވަތަ މުސްލިމް މެންބަރުން ނެތް ނަމަ ކުރީގެ މެންބަރުން)، އިލްމުވެރިންނާއި، މުދާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުތަވައްލީންނެވެ. މި ހުރިހާ މެންބަރުންނަކީ ވެސް މުސްލިމުންނަށް ވާން ޖެހޭ ކަމަށް މިހާރު ގާނޫނުގައި ވަނީ ހިމަނާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުން އައްޔަން ކުރާ މެންބަރުންނާއިއެކު ސަރުކާރުގެ އަޣުލަބިއްޔަތު ބޯޑުތަކުގައި އޮންނާނެއެވެ. އެއާއިއެކު ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމޭނެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ މި ބިލަކީ "މުސްލިމުން އެކަހެރިކޮށް އެމީހުންގެ އަމިއްލަ ޤާނޫނުތަކާއި މުދަލުގެ ޙައްޤުތައް ނިގުޅައިގަތުމަށް އަމާޒުކޮށްފައިވާ ހަތިޔާރެއް" ކަމަށެވެ. އޭނާ އިންޒާރު ދެއްވީ މި ބިލު މިއަދު އަމާޒުކުރެވިފައިވަނީ މުސްލިމުންނަށް ނަމަވެސް މުސްތަޤުބަލުގައި ބައިމަދު އެހެން ދީންތަކުގެ މީހުންނަށް ވެސް މިފަދަ ގާނޫނުތައް އަމާޒު ކުރުމުގެ ބިރު ވެސް އެބައޮތެވެ.
އިންޑިއާގެ މުސްލިމް ޖަމްޢިއްޔާއެއް ކަމަށްވާ އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑު (އޭއައިއެމްޕީއެލްބީ) އިން ވަނީ ބިލް ބަލައިގަންނަން ގޮވާލާފައެވެ. މިބިލަކީ "ތަފާތުކުރުން ގެންގުޅޭ، މުޖުތަމަޢުގެ ވަކި ބަޔަކަށް އަމާޒުކުރެވިފައިވާ، އަދި މުސްލިމް ރައްޔިތުންގެ ޤާނޫނީ ޙައްޤުތަކަށް ހަރުކަށި ގޮތެއްގައި އަރައިގަތުމެއް" އެޖަމިއްޔާ އިން ބުންޏެވެ.
އޭއައިއެމްޕީއެލްބީން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. "ވަޤުފު ބޯޑުގައި މުސްލިމުން ނޫން ދެ މަޤާމު ރިޒާވްކުރުމަކީ ރަނގަޅު ކަމެއް. އެކަމަކު އޭގެ މާނައަކީ ހިންދޫ މަންދިރުތަކުގެ ބޯޑުތަކުގައި މުސްލިމުންނަށް އެފަދަ ރިޒާވޭޝަނެއް ލިބޭނެތޯ؟ މޯދީ ސަރުކާރުން ބޭނުންވަނީ އިސްލާމީ ބިމުގެ ބޭންކް ކޮންޓްރޯލްކުރަން އަދި އަޅުގަނޑުމެންގެ މުއައްސަސާތައް ބަލިކަށިކުރުމުގެ އެއްވެސް ޙައްޤެއް އެމީހުންނަކަށް ނެތް." އޭއައިއެމްޕީއެލްބީގެ އޮފިޝަލެއް ކަމުގައިވާ ކަމާލް ފަރޫޤީ ވިދާޅުވިއެވެ.
ހަރުކަށި ހިންދޫ ޖަމާޢަތްތަކުން މިހާރުވެސް އަންނަނީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހުރި ގިނަ މިސްކިތްތަކަށް ދަޢުވާކުރަމުންނެވެ. އެމީހުން ބުނާގޮތުގައި އެ މިސްކިތްތައް ބިނާކުރެވިފައިވަނީ ހިންދޫ މަންދިރުތަކުގެ ބަންޑާރަތަކުގެ މައްޗަށެވެ. 1992 ގައި އުއްތަރު އިންޑިއާގެ އަޔޯދިޔާގައި ހުރި 16 ވަނަ ޤަރުނުގެ މިސްކިތެއް ހިންދޫ ބަޔަކު ވަނީ ވައްޓާލާފައެވެ. މިފަދަ އެތައް މައްސަލައެއް ޤައުމުގެ އެކި ކޯޓުތަކުގައި ބަލަމުންދެއެވެ.
އިންޑިއާގެ 1.4 ބިލިއަން އާބާދީގެ 14 އިންސައްތަ އަކީ މުސްލިމުންނެވެ. ހިންދޫ އަޣުލަބިއްޔަތު އޮތް މި ޤައުމުގައި އެންމެ ބޮޑު މައިނޯރިޓީ ގްރޫޕަކީ މުސްލިމުންނެވެ.