ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑްބޮޑީ އެއަރކްރާފްޓް، އޭ330 ގެ ދަތުރުތަކެއް ކޮޗިންއާއި ޓްރިވަންޑްރަމަށް އިއްޔެ ކޮށްފިއެވެ.
މޯލްޑިވިއަނުން މިކަމާއި ގުޅިގެން ބުނީ އޭ330ގައި އިންޑިޔާގެ ކޮޗިން އަށާއި ޓްރިވެންޑްރަމް އަށް އިއްޔެ މި ކުރި ދަތުރަކީ ވަގުތީ ގޮތުން ކުރި ދަތުރެއް ކަމަށާއި މި ދަތުރު ކޮށްފައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވައްސްވަރަކަށް ވުމުން ޑިމާންޑް ބޮޑުވުމުންކަމަށެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނަމަ އޭ330 ގައި ދަތުރު ކުރާނެކަމަށެވެ.
ވަގުތީގޮތުން އިންޑިޔާގެ ކޮޗިން އަށާއި ޓްރިވެންޑްރަމް އަށް އޭ330ގައި ދަތުރުކޮށްފައިވާއިރު މީގެ ކުރިން ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓުގައެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޮޑު ބޯޓެކެވެ. މި ބޯޓުގައި ތިން ކްލާސް ހިމެނޭ އިރު އެއީ ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއެވެ. މި ވަގުތު އޭ330 އިން ޝެޑިއުލް ދަތުރުތައް ކުރަނީ ޗައިނާގެ ޗެންގްޑޫ އާއި ބެއިޖިންގެ އިތުރުން ޝެންހާއި އަށެވެ.