ދ. ވާނީގައި ހެދުމަށް ނިންމި "ހޯޕް އައިލެންޑް" ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް އަޙްމަދު ސިއްދީޤު ވިދާޅުވީ "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކައި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާކަމަށެވެ. ނަމަވެސް މާލެ ކައިރި ގިރާވަރު ފަޅު ހިއްކައިގެން "ހޯޕް އައިލެންޑް" އެތަނަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ.
ގިރާވަރު ފަޅަށް އެތަން ބަދަލުކުރުމަށް ނިންމީ ވާނީ އަކީ މާލެއާއި ދުރު ރަށަކަށް ވުމުން ޚަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ގިރާވަރު އުތުރުފަޅުން ވަނީ ހިއްކަން ނިންމާފައެވެ. އަދި އެ ފަޅުން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށްވެސް ނިންމާފައިވެއެވެ.
ހޯޕް އައިލެންޑް ހެދުމުން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތް ސަތޭކަ އެއްހާ މީހުންގެ ޖާގައަށް ހާއްސަކޮށްގެން ކަމަށާއި އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރަށް ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަޞީލަތްތަކާއި އެކުގައި ކަމަށެވެ.
މީގެ އިތުރުން އެރަށް ތަރައްގީ ކުރާއިރު ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްޙީ ޚިދުމަތް ދޭނެ ތަންތަން ވެސް ހިމަނާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.