އީރާނާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރަން އެމެރިކާއިން މަސައްކަތް ފަށައިފިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްﷲ އަލީ ޚާމިނީއަށް ނިއުކްލިއަރ މަޝްވަރާތަކަށް ގޮވާލާ ސިޓީއެއް ފޮނުއްވައިފި ކަމަށް ވަނީ ހާމަކޮށްފައެވެ.
މިފަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ޓްރަމްޕް ވަނީ އީރާނާއެކު ނިއުކްލިއަރ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ފެށުމަށް ވަޢުދުވެފައެވެ. އެމެރިކާގެ ބޮޑު ކަންބޮޑުވުމަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ނިޔަތުގައި އަޅަމުންދާ ފިޔަވަޅުތަކެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އީރާނުން ނިއުކްލިއަރ މާއްދާތައް މުއްސަނދިކުރަމުން ދާތީ، އޭގެ ނަތީޖާއަކަށް ވެދާނެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު" ރައީސް ޓްރަމްޕް އޭނާގެ އަމިއްލަ ސޯޝަލް ޕްލެޓްފޯމް ޓްރުތުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް އީރާނުން ބުނަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޕްރޮގްރާމެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ޓްރަމްޕްގެ ސިޓީއަށް މިހާތަނަށް އީރާނުގެ ފަރާތުން ރަސްމީ ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އެބުނާ ސިޓީއެއް ލިބިފައި ނުވާކަމަށްވެސް އިރާނުން ބުނާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއަރ މައްސަލައިގައި ގުޅުންތައް ގޯސްވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. 2015 ވަނަ އަހަރު ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި މި ދެ ޤައުމުގެ މެދުގައި ނިއުކްލިއަރ އެއްބަސްވުމެއް ސޮއިކުރެވި، މިއެއްބަސްވުމުގެ ދަށުން އީރާނުން އިޤްތިޞާދީ ފިޔަވަޅުތަކުން ލުއިތަކެއް ލިބުނެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާ އިން މި އެއްބަސްވުމުން ބޭރުވެ، އަލުން އީރާނުގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
މި ސަބަބަށްޓަކައި އީރާނުން ނިއުކްލިއަރ މުއްސަނދިކުރުމުގެ މަސައްކަތް އަލުން ފަށައި، މިހާރު ރަސްމީކޮށް ދުނިޔެއަށް އަންގާފައިވަނީ، ޔުރޭނިއަމް މުއްސަނދިކުރުން 60 އިންސައްތައަށް އިތުރުކޮށްފައިވާކަމަށެވެ.
ބައިނަލްއަޤުވާމީ ހަކަތައިގެ އެޖެންސީ (IAEA) ގެ ބެލުމުގެ ދަށުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ މިންވަރަށް ޔުރޭނިއަމް މުއްސަނދި ކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕްގެ މި ފަހަރުގެ ވެރިކަމުގައި އަލުން އީރާނުގެ ނިއުކްލިއަރ މަސައްކަތް މަޑުޖައްސާލުމަށް މަސައްކަތްކުރުމަކީ އެމެރިކާގެ ކުރިއަށްއޮތް ސިޔާސަތެއްކަމުގައި ބެލެވެއެވެ.