ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ދޫކުރާ ގޮތަށް، 500 ސްޓޫޑެންޓު ލޯނު ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި، މި ސްޓޫޑަންޓު ލޯނު ފުރުސަތުތައް ހުޅުވާލާފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރާ ދަރިވަރުންނަށެވެ. ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
ޑިޕްލޮމާ އާއި ލައިސަންސް ޕްރޮގްރާމްތައް ހިމެނޭހެން ޕީއެޗްޑީއާ ހަމައަށް މި ސްކީމުގެ ދަށުން ލޯނު ދޫކުރާނެ އެވެ.
މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. މި ސްކީމް ދޫކުރުމުގައި އަލަށް ކިޔަވަން ފަށާ ދަރިވަރެއް ކަމަށް ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމަޔަށް، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ، ނުވަތަ ޓިއުޝަންފީ ދައްކައިފައި ނުވާ ފަރާތްތަކަށެވެ. މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 1،986 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދޫކޮށްފަ އެވެ.