ރާއްޖޭގައި ޕައިލެޓުން ގިނަވުމުން، ޕައިލެޓުކަން ކިޔަވަން ދޫކުރާ ލޯނު ޖާގަ މަދުކޮށްފިއެވެ.
ރާއްޖޭގައި ޕައިލެޓުކަން ކިޔަވައިގެން ތިބި ނަމަވެސް ގިނަވެފައިވަނީ އެ ދާއިރާއިން ފުރުސަތެއް ނުލިބިތިބި މީހުންނެވެ. މިދިޔަ ސަރުކާރުގައިވެސް ޕައިލެޓް ލައިސަންސަށް ކިޔަވަން 500 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޫކޮށްފައިވެއެވެ.
އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޕައިލެޓުކަމަށް ދޫކުރާނީ 10 ޖާގަކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ޕައިލެޓުން ގިނަވުންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަދި މިއަހަރުވެސް، އެތައް ދަރިވަރުންނެއް ޕައިލެޓުކަން ކިޔެވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ހާމަކުރައްވާ އެ ވުޒާރާއިން ބުނެފައިވަނީ، ޕައިލެޓުކަން ކިޔެވުމަށް ހުޅުވާލި 10 ޖާގައަށް ޝަރުތުހަމަވާ 148 ދަރިވަރުން ތިބިކަމަށެވެ.
އެހާ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެމަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން މިއަހަރުގެ ސްޓޫޑެންޓް ލޯނުގައި ޕައިލެޓުކަން ކިޔެވުމަށް ދޫކުރާ ޖާގަ ހުޅުވާލީ ސ. ގަމުގައި ގާއިމްކުރެވިފައިވާ ފްލައިޓް ސްކޫލްގައި ޕައިލެޓް ލައިސަންސް ހާސިލްކުރުމަށެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ޕައިލެޓް ލައިންސަށް ހުޅުވާލާފައިވާ 10 ސްލޮޓަށް 148 ދަރިވަރުންނެއް ޝަރުތު ހަމަވުމުން، އޭގެ ތެރެއިން ޕައިލެޓުކަން ކިޔެވުމަށް ޖާގަ ނުލިބޭ ދަރިވަރުންނަށް ދާއިރާ ބަދަލުކުރުމުގެ ފުރުސަތު ފަހިވެފައި އޮތްކަމަށެވެ.
އަދި، ސްޓޫޑެންޓް ލޯނާއި ގުޅޭ ނަތީޖާ އެ ވުޒާރާގެ 'މައި އެޑިއު ޕޯޓަލް'އިން ފެންނަން ހުންނާނެ ކަމަށާއި، ނަތީޖާއާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.