ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފުރަތަމަ 4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށެހެޅުމަށް ހުލުވާލުމުން، މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ހުށަޙަޅާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން އިން ބުނެފިއެވެ.
ޝަރުތު ހަމަވެ ފްލެޓް ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ހައުސިންގ މިނިސްޓްރީ އިން ބުނީ ލިސްޓަށް ޝަކުވާއަށް ހުޅުވާލިފަހުން މިހާތަނަށް 675 ޝަކުވާ ލިބިފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާއަކާއި، 2 ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާ ލިބިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ. ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ ވުޒަރާއަށް ސިޓީއަކުން ހުށަހެޅޭނެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.
ފްލެޓް ލިސްޓް އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ދިރާސާ ކުރުމަށްފަހު އާއްމުކުރިއިރު ފްލެޓް ލިބުނީ 1800 މީހުންނަށެވެ.