ޢުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޢުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ބައެއް ކުންފުނިތަކުން ހިލާފުވެފައިވާ މައްސަލަ ފެންމަތިވުމުން، 19 ކުންފުންޏެއް ޖޫރިމަނާކުރީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ކަމަށެވެ.
"އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފު ވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5،000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކި އެކި އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި ހައްޖަށާއި އުމްރާއަށް މީހުން ގެންގޮސް އެ މީހުންނާ މެދު އިހުމާލުވާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެފަދަ މައްސަލައެއް މި ފަހުން ވެސް ފެންމަތިވެފައިވާއިރު, އުމްރާއަށް ދިޔަ 24 މީހަކު އެނބުރި ރާއްޖެ ނާދެވި ތާށިވެފައިވަނިކޮށް އެ މީހުން ރާއްޖެ ގެނެސްފައިވަނީ މިނިސްޓްރީގެ ހަވާލުގައެވެ. އެ ކުންފުނި މިހާރު ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.