Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަމާހު ވަކިކުރުމަށް ޕީސީބީން ނިންމައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަމާހު ރަޝީދު އެ މަޤާމުން ވަކިކޮށްފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

މިރޭ ޕީސީބީގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުންނާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ޝަމާހު ވަކިކޮށްފައިވާކަމަށެވެ.

ޝަމާހު މަޤާމުން ވަކިކުރިކަމަށް ޕީސީބީން ނިންމި ނަމަވެސް އޭނާ މަޤާމުން ވަކިކުރި ސަބަބެއް އެ ބޯޑުން ހާމަނުކުރެއެވެ. މީގެ ކުރިންވެސް ޝަމާހާމެދު ޕީސީބީންވަނީ ފިޔަވަޅުއަޅާފައެވެ.

އެގޮތުން ޝަމާހު 37 ދުވަހުގެ މުއްދަތަކަށް ބޯޑުން ސަސްޕެންޑުކުރިއެވެ. އެއިރު ނެރުނު ބަޔާނެއްގައި ޕީސީބީން ބުނެފައިވަނީ ޝަމާހު ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އަދި ގިނަ ތުހުމަތުތަކެއް ޝަމާހަށް ކުރެވޭކަމަށް އެއިރު އެ ބޯޑުން ބުންޏެވެ.

ޝަމާހަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަމާހު ވިދާޅުވެފައިވަނީ އޭނާއަށް ކުރާ ތުހުމަތުތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއީ ކުންފުނީގައި ހިނގަމުން އައި ކޮރަޕްޝަނުގެ ކަންކަން ހުއްޓުވުމަށް އޭނާ މަސައްކަތްކުރައްވާތީ ބަޔަކު އަޑީގައި ތިބެގެން އުފައްދައިގެން އުޅޭ ވާހަކަތަކެއްކަމަށްވެސް ޝަމާހު ވިދާޅުވިއެވެ.

މިފްކޯއަކީ މީގެ ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިނގަމުން އައި ކުންފުންޏެއް ނަމަވެސް، ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ އެ ކުންފުނި އެސްޓީއޯއިން ވަކިކުރައްވައި ވަކި ކުންފުންޏެއްގެ ގޮތުގައި ޤާއިމުކުރައްވައި، އެ ކުންފުނީގެ ބޯޑުގައި ފުރަތަމަ ފަހަރަށް މަސްވެރިން ތަމްސީލުކުރައްވާ މެންބަަރަކު ހިމެނުއްވުމަށް ނިންމަވާފައެވެ.

މި ލިއުމާއި ގުޅޭ