މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 23.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހަފްތާ ތެރޭ 151 ދޯންޏަކުން މަސް ކިރާފައިވެއެވެ.
މިދިޔަ ހަފްތާ ކިރުވި މަހަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 31.6 މިލިޔަން ރުފިޔާއެވެ.
މިފްކޯއިން މައުލޫމާތު ދިންގޮތުގައި މިއީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްވަރަށްވުމުން މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ ހަފްތާގައި އެ ކުންފުންޏަށް 151 މަސް ދޯންޏަކުން މަސްކިރުވާފައިވާއިރު، މި އަދަދު އޭގެ ކުރީ ހަފްތާގައި ހުރީ 210 ގައެވެ. އެހެންކަމުން މިއީ 28 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯ އިން 120 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ. ޖެނުއަރީ މަހު މިފްކޯ އިން މަސްވެރިންނަށް 177 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.