Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

ރައީސްގެ ޓީމު އޮތީ ބަދަހިކޮށް، ފަތުރާ ދޮގުތަކުން އިތުރަށްވާނީ ފަޟީހަތް: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޓީމު އޮތީ ބަދަހިކޮށް އެމަނިކުފާނުގެ ފަހަތްޕުޅުގައިކަމަށާއި، އެމަނިކުފާނުގެ ޓީމު ބައިބައިކޮށްލުމަށް ދޮގު ވާހަކަތަކާއި ޚަބަރުތައް ފެތުރުމުން، އެވާހަކަތައް ފަތުރާ މީހުން ފަޟީހަތްވުން ފިޔަވައި އިތުރުކަމެއް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް މުސްތަޝާރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މަޖިލިސް މެންބަރު ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލުތަކެއް ގެންނެވުމަށް ރައީސް ވިސްނަވަމުންދާކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ވާހަކަތައް ފަތުރަން ފަށާފައިވަނިކޮށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރާއި ޚާރިޖީވަޒީރު ބަދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

އެވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ އަގުވައްޓާލައި އެމަނިކުފާނުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުވައިލުމަަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން އައި ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ފެތުރި ނަމަވެސް ފާއިތުވި އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދު އޮތްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އަދި މިހާރު ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަކީ މަޖިލިސް އިންތިޚާބުގައި ރައީސަށް ރައްޔިތުން ދިން ތާއީދާއި އިތުބާރު ބަލައިނުގަނެވިގެން، އެމަނިކުފާނުގެ ޓީމު ރޫޅައިލުމުގެ މަގުސަދުގައި ފަތުރަމުންދާ ދޮގުތަކެއްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެފަދައިން ފަތުރާ ދޮގުތަކުން އެވާހަކަތައް ފަތުރާ މީހުން ފަޟީހަތްވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހާސިލުނުވާނެއެވެ. އޭނާ ޔަގީންކޮށްދެއްވި ގޮތުގައި ރައީސްގެ ޓީމު އޮތީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތްކުރުމަށް ބަދަހިކޮށެވެ. އަދި އަބްދުއްރަހީމް ވިދާޅުވީ ދިވެހިން ދާނީ ރައީސް މުއިއްޒުގެ ދުވެލީގައި ގައުމާއިގެން ކުރިއަށެވެ.

"،އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ. ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް.ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރަށް ސަރުކާރުގެ އެތެރޭގެ ހާލަތާ ގުޅޭ ގޮތުން މީސްމީޑިއާގައި ހަގީގަތާ ޚިލާފު ވަރަށް ގިނަ ވާހަކަތައް އަބަދުވެސް އަންނަނީ ފަތުރަމުންނެވެ. އެފަދަ ވާހަކަތައް ފެތުރި ދުވަސްތަކެއް ވުމަށްފަހު އެ ވާހަކަތަކަކީ ހަގީގަތެއް އެކުލެވިފައި ނެތް ވާހަކަތައްކަން ހާމަވެއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން އެއިރު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅުވައިގެން ގިނަ ތުހުމަތުތަކެއް ފެތުރި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީވަނީ ލިބިފައެވެ. 70 އަށްވުރެ ގިނަ ގޮނޑިއާއެކު މަޖިލީހުން ބޭނުން ކޮންމެ ބިލެއް ފާސްކުރެވޭ މިންވަރުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ