Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހީނާ ވަލީދު

އެމްޑީޕީން އެންޓިކެމްޕެއިން ކުރުން ނޫން އެހެން ކަމެއް ނުކުރޭ: ހީނާ

އިދިކޮޅު އެމްޑީޕީން އެންޓިކެމްޕެއިން ކުރުން ނޫން އެހެން ކަމެއް ކުރާތަން ނުފެންނަކަމަށް ސަރުކާރު ހިންގާ ކޮންގުރެސް ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ އިންތިހާބާއި ގުޅިގެން އެމްޑީޕީގެ ސިޔާސަތުތަކެއް ފެންނަން ނެތްކަމަށާއި އެ ޕާޓިން މަގުމަތީގައި ދަމާފައިވާ ބެނާތަކުންވެސް އެކަން ހާމަވާކަމަށެވެ.

"ފެންނަން ހުރީ އެބޭފުޅުންގެ ވެރިކަން ގެއްލުނީމައި، ނުވަތަ ވެރިކަން ބަދަލުވީމާ އެ ލިބު އެއްޗެސް ގެއްލުނީމާ އެވީ ތަދުން އެ ރިހުމުގައި އެންޓި ކެމްޕެއިން ކުރަމުންދާތަން، އެނޫން އެހެން އެއްޗެއް އަޅުގަނޑުމެންނަށް ނުފެނޭ" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަކަށް އެމްޑީޕީގެ ކެންޑިޑެޓުން އިންތިހާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަކަށް ނުވަތަ ކަންކަމަށް އެ ޕާޓީން ފޯކަސްކޮށްފައި ނުވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބެނާތަކުން ފެންނަނީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ޝުއޫރުތަކެއްކަމަށާއި އެ ޕާޓީގެ ޗެއާޕާސަން ވާހަކަ ދައްކަވާ މޭރުންވެސް އެއީ ކަންބޮޑުވާކަމެއްކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރަކު ވާހަކަ ދައްކަވަން ޖެހޭ ފަދަ ޓޯނަކުން ނުވަތަ މޭރަމަކުންނެއް ވާހަކަ ދައްކާވާތަނެއް ފާހަގައެއް ނުކުރެވޭ" އެމްޑީޕީ ޗެއާޕާސަން ވާހަކަ ދައްކަވާ ގޮތާއި މެދު ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވިގޮތުގައި އެމްޑީޕީގެ ޗެއާޕާސަންގެ ވާހަކަފުޅު ހުންނަނީ ދުނިޔޭގެ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ވާހަކަ ދެއްކުން ހުންނަ ފަދަ ބިރު ދެއްކުމުގެ ރާގަށްކަށެވެ.

ހީނާ ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ސުވާލެއް ކުރައްވާފައެވެ. އެގޮތުން އެމްޑީޕީން މާލޭގައި ދަމާފައިވާ ބެނާތަކާއި އެންޓިކެމްޕެއިން ޕޯސްޓަރުތައް ނުފެންނަނީތޯ ސުވާލުކުރައްވާފައެވެ.

ހީނާ ވިދާޅުވީ އެންޓި ކެމެއިން ޕޯސްޓަރުތައް ދަމާފައި ހުރުމުން ހާމަވަނީ އެމްޑީޕީގެ ސިޔާސަތެއް ނުވަތަ އަމާޒެއް ނެތްކަން ކަމަށެވެ.

"މިސްރާބު ހަމަ ސީދަލެއް ނޫން. މިސްރާބު ސީދަލެއް ނުވެސް ވާނެ. އަމިއްލަފުޅަށް ހިންގަވާލައްވާއިރު މިސްރާބު ސީދާ ކުރައްވަން ނޭނގޭ ބޭފުޅުންނަށް ކިހިނެއްތޯ އެބޭފުޅުންގެ ޕާޓީ ތެރޭގެ މިސްރާބު ސީދާ ކުރައްވައިގެން ވަޑައިގެންނެވޭނީ" ހީނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ވެރިކަން ލިބިވަޑައިގަތީމާވެސް ހަމަ ޗާޓުން ބޭރުވީ. އެއާއެކީގައި ކުންފުނިތައް ވިއްކާލީ. އެއާޕޯޓު ވިއްކާލީ. ދެން ވެރިކަން ލލިބުނީމާ ގައުމުގެ މިނިވަން ކަމާ ސިޔާދަތާއި މިހެން ގޮސް ދެން ހުރި ހުރިހާ އެއްޗެސްވެސް ވިއްކާލީ" އެކަމުގެ ތަފްސީލު ދެއްވާ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ވެރިކަން ނިމުނު އިރު އެމްޑީޕީ ސަރުކާރަށް ކުރެވުނު މާ ބޮޑު ކަމެއްވެސް ނެތް ކަމަށާއި ހޮސްޕިޓަލެއްނުވަތަ އިންފްރާ ސްޓްރަކްޗާގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެންނަން ނެތްކަމަށެވެ. އެހެންވެ އެމްޑީޕީން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހޯދަން އުޅެނީ ކޮން ކަމެއް ހާސިލްކުރަންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ