ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް, މަޖިލީހުގެ މެންބަރުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބައްވާ ޚާއްސަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ވޯޓް ތާވަލުކޮށްފައިވަނީ މެންދުރުފަހު 1;30 އަށެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ވުޒާރާތައް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރަައްވާފައިވާ ވަޒީރުންނަކީ ތަޖުރިބާ ހުރި، ގާބިލް އަދި ޒިންމާ ފުރިހަމައަށް އަދާކުރާނެ މިނިސްޓަރުންކަމާ މެދު ޝައްކުނުކުރާ ކަމަށާއި މިނިސްޓަރުންނަށް ޕާޓީގެ ފުރިހަމަ އިތުބާރު އޮތް ކަމަށާއި ރައީސްގެ ތަސައްވުރާއި ވައުދުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގައި އެ ބޭފުޅުން ތިއްބަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތުދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ޕީއެންސީ-ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ނާއިބުރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރީތި ހަމައަކީ ރައީސް އިހުތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިދިކޮޅުގައި އޮތް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. މިގޮތުން ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ. އަދި އެމްޑީޕީއިން ރުހުން ނުދޭން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު އަށެވެ.