އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާއި އޭނާގެ ރަނިންމޭޓު ޙުސައިން މުޙައްމަދު ލަޠީފާއި ގުޅޭ ފޭކު ޑޮކިއުމެންޓުތަކެއް ތައްޔާރުކޮށް ދައުލަތުގެ މީޑއާ ޕީއެސްއެމް މެދުވެރިކޮށް އާންމުކުރުމުގެ މަސައްކަތް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އިސްވެ ހުރެ ފަށައިފިއެވެ.
ޕީއެސްއެމްގެ އިސް މުވައްޒަފަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް ކިޔައިދިން ގޮތުގައި ޑރ.މުޢިއްޒާއި ސެމްބެއާ ދެކޮޅަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންގަވައިގެން މިހާރު ހިންގަން ފަށާފައިވާ އެންޓި-ކެމްޕެއިން މަސައްކަތްތަކުގެ ތެރެއިން އެ ދެ ބޭފުޅުންގެ ޝަޚުޞިއްޔަތު ކަތިލުމުގެ ގޮތުން ހަދާފައިވާ ޑޮކިއުމެންޓުތަކެއް ޕީއެސްއެމްއިން ދެއްކުމަށް މިއުވާން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި އެ ލިޔުންތަކަކީ އަސްލު ލިޔުންތަކެއްކަން ކަށަވަރުނުވާއިރު ދައުލަތުގެ މީޑިއާއިން އެފަދަ ލިޔުންތަކެއް އާންމުކޮށް ދެއްކުމާ ޕީއެސްއެމްގެ ބައެއް އިސްވެރިން ދެކޮޅުހެދުމުންވެސް މިއީ ސީދާ ރައީސް އަންގަވާފައިވާކަމެއް ކަމުގައި ބުނެ އެކަން ކުރުމަށް މިއުވާން ބާރުއަޅަމުންދާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބާއެކު، އެމަނިކުފާނުވަނީ ދެވަނަ ބުރުގައި ކެމްޕެއިން ކުރުމުގެ ބަދަލުގައި، އިދިކޮޅު ކެންޑިޑޭޓާއި އޭނާގެ ރަނިން މޭޓާ ދެކޮޅަށް އެންޓި ކެމްޕެއިންކުރުމަށް އެމްޑީޕީއަށް އަންގަވާފައެވެ.
އެއާއެކު އެމްޑީޕީން އަންނަނީ ޑރ.މުޢިއްޒާއި ސެމްބެއަކީ ހަރުކަށި ފިކުރާއި، ގޭންގުތަކާ ގުޅުންހުރި ބޭފުޅުންކަމަށް ކިޔައި އެކި ގޮތްގޮތަށް މީސްމީޑިއާގައި ތަކެތި ފަތުރަމުންނެވެ. އަދި ކޮރަޕްޝަނުގެ އެކި ތުހުމަތުތައް އެ ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވައި ރާއްޖެޓީވީން އަންނަނީ ސިލްސިލާކޮށް ޕްރޮގުރާމުތަކެއްވެސް އުފައްދައި ޝާއިއުކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި ފާއިތުވި ފަސް އަހަރުގެ ދައުރުގައި ހުރިހާ ބާރުތަކެއް ލިބިފައި އޮތް ސަރުކާރެއްގައި ތިބެ، އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ފަތުރާ އެއްވެސް ތަހުގީގުކޮށް އެއިން ކަމެއްގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.