އިންޑިއާގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރުމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއާ އެކު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިދިޔަ ހޮނިހިރު ދުވަހު މަޝްވަރާ ކޮށްފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި ގެސްޓް ހައުސްތައް ކުރިއަރުވަން ގޭމުން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެގޮތުން، އިންޑިއާގެ އެޖެންޓުންނާއި ގެސްޓް ހައުސްތަކުގެ ވެރިންނާ ބައްދަލުކޮށް، ގޭމްގެ ބްރޭންޑިންގައި އެހީވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ މުހިންމު އެއް މާކެޓަކީ އިންޑިއާކަން މިދިޔަ މަހު އެނގުނު ކަމަށާއި އިންޑިއާގެ ސަފީރާ ގޭމުން ބައްދަލުކުރީ އެ މާކެޓުގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިތުރަށް އިޝްތިހާރުކޮށް، އޭގެ ފައިދާ ރަށްރަށަށް ފޯރުކޮށްދިނުމަށް ކަމަށް، ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
"މިދިޔަ މަހު ވެސް އެ ގައުމުގެ ޓޫރިސްޓުންގެ ސަބަބުން ގެސްޓް ހައުސްތަކަށް ވަރަށް ފައިދާވި. އެހެންކަމުން އެކަން ހުއްޓުނަ ނުދީ އެ ގައުމުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމާ މެދު މަޝްވަރާ ކުރެވުނީ. އަޅުގަނޑުމެންނަށް މި ކަންކަމުގައި އެހީވާނެ ކަމަށް ސަފީރު ވިދާޅުވި،" ސަފީރާ ހަވާލާ ދެއްވައި ސައުދު ވިދާޅުވިގޮތުގައި، އިންޑިއާގެ އެޖެންޓުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ގޭމާއި އެމްއެމްޕީއާރުސީ އާއި މަޓީގެ ބޭފުޅުން ގުޅިގެން މި މަހުގެ ފަހުކޮޅު ބައްދަލުވުންތަކެއް ބާއްވާނެއެވެ.
އެގޮތުން، ގޭމްގެ ބްރޭންޑިންގެ ތެރޭގައި އެ ޖަމިއްޔާގެ ވެބްސައިޓާއި މެގެޒިން ހެދުމުގެ އިތުރުން އެކްސްޕޯތަކާއި އެވޯޑް ނައިޓް ބޭއްވުން ހިމެނޭއިރު، އެކްސްޕޯތަކުގައި އިންޑިއާގެ ހައި ކޮމިޝަނުގެ އެއްބާރުލުން ދޭނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އެހެން ބައެއް ގައުމުތަކަށް ދިއުމަށް ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމުގެ މަގްސަދުގައެވެ.