ރާއްޖޭގައި އަލަށް ފެށި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ހޯމް ސްޓޭ ފެށުމަށް މ. ދިއްގަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވިގޮތުގައި މީގެ 2010 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ފެށުމަށް މަސައްކަތް ކުރިއިރު ރިސޯޓުތަކަށް ގެއްލުން ވާނެ ކަމަށް ގަބޫލުކުރި ބަޔަކުވެސް ތިބިއިރު ޓޫރިޒަމްގެ އާ ކޮންސެޕްޓުން ރިސޯޓުތަކަށް ލިބުނީ ފައިދާއެވެ. އެގޮތުން ނަޝީދު ވިދާޅުވީ ގެސްޓް ހައުސްގެ ސަބަބުން އޮކިއުޕެންސީ ވެއްޓުނު އެންމެ ރިސޯޓެއް ވެސް ނެތް ކަމަށާއި ރަށްރަށަށް ޓޫރިސްޓުން ގެންދިއުމުން އާމްދަނީ ދިޔައީ އިތުރު ވަމުންކަމަށެވެ.
ފާހަގަކުރެވޭގޮތުގައި ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާފައިވާއިރު އެރަށުގައި ހިތްގައިމު، ރީތި އަތިރިމައްޗެއް ނެތް ކަމަށް ބުނެ އެރަށުގައި ހޯމްސްޓޭ ޓޫރިޒަމް ކުރިއަށް ގެންދަން ގޮންޖެހުންތަކެއްހުރި ކަމަށް ބައެއް މީހުން ބުނެއެވެ.
މިކަމާއިގުޅިގެން ނަޝީދު ވިދާޅުވީ މާފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ހަޑި އަތިރިމަތި އޮންނަ އެއް ރަށަށްކަމަށާއި ނަމަވެސް ތަފާތު އެކި ހަރަކާތްތަކާއެކު އެ ރަށް މަޝްހޫރު ވެފައިވާ ކަމަށެވެ. ނަޝީދަކީ ލޯކަލް ޓޫރިޒަމްގައި އެންމެ ވަރުގަދަ ބްރޭންޑް، މާފުށީގައި ގެސްޓް ހައުސްއެއް ހިންގަވާ ބޭފުޅަކަށްވާއިރު އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ މިފަދަ ޓޫރިޒަމަށް ރީތި އަތިރިމައްޗެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށެވެ.
ފާހަގަކުރެވެގޮތުގައި ދިއްގަރަށް އައި ފަތުރުވެރިންގެ ގުރޫޕުގައި ހިމެނެނީ އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެތެރިން ހެސްވެލްއާއި ބޭރުގެ ދެ މަފިރިންނެވެ.