ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދެ މިލިއަން ޔޫރޯގެ ހިލާ އެހީއެއް ދިނުމަށް އެއްބަސްވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ރާއްޖެއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސްއެވެ. އެ ފަންޑާ ހަވާލުވުމަށް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު ޙަސަން މަނިކެވެ.
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެފްއެމްސީއިން ބުނި ގޮތުގައި މި އެއްބަސްވުމަކީ ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން ސަލާމަތްވެ އެ ވިޔަފާރިތައް މިހާރަށްވުރެ ފުޅާކުރުމުގަައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސީދާ ވިޔަފާރިތަކަށް 1.4 މިލިއަން ޔޫރޯ ނުވަތަ 25.2 މިލިއަން ރުފިޔާ ފޯރުކޮށްދޭނެއެވެ. އަދި 600،000 ޔޫރޯއަކީ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ ފައިސާ ކަމަށްވެސް އެމްއެފްއެމްސީން ބުނެފައިވެއެވެ.
މި ފަންޑުގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 40 އެނދަށްވުރެ މަދުން އެނދު ހުންނަ ސަފާރީތަކާއި ގެސްޓު ހައުސްތަކަށް ކަމަށާއި، މި ކެޓަގަރީއަށް ފެތޭ 600 އެއްހައި ވިޔަފާރިއަށް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އީޔޫއިން ލަފާކުރެއެވެ.
މި އެހީގެ ދަށުން ދޫކުރާ މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށްވެސް އެމްއެފްއެމްސީން ބުނެފައިވެއެވެ.