ހުޅުމާލޭ ފޭސް 2ގެ ބައެއް ސަރަހައްދުތަކުން މާދަމާގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި، މާދަމާ ބައެއް ސަރަހައްދުތަކުން ވަގުތީގޮތުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާކަމަށެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް" ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށް އެ ކުންފުނިން ވަނީ ކަރަންޓު ކަނޑާލަން ޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ މަޢާފަށް އެދިފައެވެ.
މެއިންޓެނެންސްގެ މަސައްކަތް ކުރުމަށްޓަކައި ދޭތެރެ ދޭތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލައެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ސްޓެލްކޯ އިން ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ކުރީބައިގައި ފޯރުކޮށްދެއެވެ.