ފަހެއް ނޮވެންބަރު 2024 ކުރިން ރާއްޖެއަށް އެތެރެކޮށް ރަޖިސްޓާ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓާ ކުރުމަށް އަހަރެއް ދިނުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ ނިމުނު އަހަރުގެ ފަސްވަނަ ދުވަހުގެ ކުރިން އެތެރެކޮށް ރެޖިސްޓާ ނުކުރެވި ހުރި 2015 ވަނަ އަހަރުގެ ފަހުން އުފައްދާފައިވާ އުޅަނދުތަކަށް ކަމަށެވެ.
އެއްގަމު އުޅަނދު ރަޖިސްޓާ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ދެން އެތެރެ ކުރެވޭނީ އުފެއްދިތާ ތިން އަހަރު ނުވާ ސައިކަލާއި ފަސް އަހަރު ނުވާ ކާރު ނަމަވެސް މީގެ ކުރިން އެތެރެ ކުރި އުޅަނދުތައް ރަޖިސްޓާ ކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އުޅަނދުތައް ރަޖިސްޓާ ކުރަން ފުރުސަތު ދިން ނަމަވެސް މި އުޅަނދުތައް މާލެ ސަރަހައްދަށް ރަޖިސްޓާ ނުކުރެވޭނެ ކަމަށާއި ރަޖިސްޓާ ކުރަން ޖެހޭނީ ޒޯން ބީ އަދި ޒޯން ސީއަށް ކަމަށެވެ.
"މި މައްސަލަ ދިމާވެފައިވަނީ މީގެ ކުރިންވެސް އޮތް އުޅަނދުގެ އުމުރާއި ގަރާޖުގެ ކަންކަމަށް ނުބަލާ އުޅަނދު އެތެރެ ކުރުމުގެ ސަބަބުން . މިކަން ކުރި ހުރިހާ އެންމެން އެކަން ކުރީ އެއީ މަނާކަމެއްކަން އެނގިތިބެއެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި އުޅަނދުތައް ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ވަރަށް ގިނަ އާންމުނަށް ދަތިތައް ކުރިމަތިވާކަމަށާއި އެފަދަ އުޅަނދު ރަޖިސްޓާ ކުރަން އަހަރެއް ދިނީ އެކަމަށް ހައްލެއް ގެނެސް ދިނުމަށެވެ.