އިސްރާއީލަށް ވާގިދޭ ވިޔަފާރިތައް ބޮއިކޮޓްކޮށް ފަލަސްތީނަށް އެހީ އިތުރުކުރުމަށް ދިވެހި އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކުން ގޮވާލައްވައިފިއެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް އާދަމް ނިޝާން ވިދާޅުވީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް ދިވެހިންނަށް ފަރުދީ ގޮތުންނާއި ދައުލަތަށް ވެސް ކުރެވިދާނެ ކިތަންމެ ކަމެއް އެބަ އޮތް ކަމަށެވެ.
އިލްމުވެރިންގެ ފަރާތްޕުޅުން ޝެއިހް ނިޝާން ގޮވާލެއްވީ އިސްރާއިލަށް ވާގިދޭ ވިޔަފާރިތަކަށް ހުރަސް އެޅުމަކީ މި ހާލަތުގައި ދީނީ އަދި ފަރުދީ ވާޖިބެއް ކަމަށެވެ.
"އިސްރާއީލަށް ވާގިވެރިވާ އެކިއެކި ކުންފުނިތައް، އެ ކުންފުނިތަކުން އުފައްދާ އުފެއްދުންތައް، ވިޔަފާރިތައް ބޭނުންނުކޮށް ބޮއިކޮޓްކުރަން ޖެހޭ. އެ ވިޔަފާރިތަކަށް ހުރަސް އެޅުމުން އިސްރާއީލަށް ގެއްލުން ވަމުން ދާނެ،" ނިޝާން ވިދާޅުވި އެވެ.
އޭނާ ދެން ގޮވާލެއްވީ ފަލަސްތީނަށް އެހީ އިތުރުކުރުމަށެވެ. ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމަކުން ނިސްބަތުން މާ ގިނަ އެހީތެރިކަން ފަލަސްތީނަށް މިހާރު ވެސް ފޯރުކޮށްދެމުންދާ ކަން ވެސް ޝެއިހު ފާހަގަކުރެއްވި އެވެ.
"ފައިސާއާއި ކާބޯތަކެތި ފޯރުކޮށްދިނުން ވަރަށް މުހިންމު. ލާނެ ފޭރާމެއް ވިޔަސް، ބޯހިޔާވަހިކުރަން ޓެންޓެއް ދިނުން ވެސް ވާނީ ޖިހާދުގެ މި ހާލަތުގައި ވަރަށް ބޮޑު ކަމަކަށް. މިހާރު ވެސް ރާއްޖެ ފަދަ ކުޑަ ގައުމަކުން ނިސްބަތުން ގިނަ އެހީތަކެއް މި ދަނީ ފަލަސްތީނަށް ފޯރުކޮށްދެމުން،" ޝެއިހު ވިދާޅުވި އެވެ.
ފައިސާއާއި ޒަރޫރީ ތަކެތީގެ އެހީގެ އިތުރަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ނިޝާން ވިދާޅުވި އެވެ. ރާއްޖެ ހިމެނޭހެން މުސްލިމު ދައުލަތްތަކުން ފަލަސްތީނަށް ހަތިޔާރާއި ވަސީލަތްތައް ދިނުމަށް ގޮވާލެއްވި އެވެ.
އޭގެ އިތުރުން ދެން ގޮވާލެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ފަލަސްތީނަށް ވަމުންދާ ގޮތް ދަރިންނަށް އުނގައިނައިދީ ހޭލުންތެރި ޖީލެއް ބިނާކުރުމަށާއި ނަމާދުތަކުގައި ފަލަސްތީނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާތައް އިތުރުކުރުމަށެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު ސައިކަލު ރެލީއެއް އޮންނާނެ ކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރި އެވެ.