ބޮޑުތަކުރުފާނު މަގުގެ ތާރު ނާޅައި އޮންނަ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ބޮޑުތަރުކުރުފާނު މަގުގެ ތާރު ނާޅައި އޮތް ސަރަހައްދުގައި، ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރުއޫ ހިންގުމަށް ދީފައިވާ އަގަކީ 144.5 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރުއޫގެ ދަށުން މަގުގެ 830 މީޓަރުގެ ސަރަޙައްދުގައި ތާރުއަޅާނެ އެވެ. އަދި މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް ރޯޑް މާރކިން އަދި ސައިން ބޯޓް ހަރުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މި މަގު ހެދުމުގައި އާންމުންނަށް ކޮންމެވެސް ވަރަށް ދަތިވާނެ ކަމަށާއި، ނަމަވެސް މިކަން ކުރެވޭނީ އާންމުންގެ ވެސް އެއްބާރުލުމާ އެކު ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރު މުއްތަލިބު ވިދާޅުވި އެވެ.