ކ. ތުލުސްދޫގައި އަލަށް ގާއިމުކުރާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިން ގެ އިތުރުން އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި މިހާރުވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސަންވިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް، ރަށު ކައުންސިލުގެ ރައީސްގެ އިތުރުން ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ވާހަކަ ދައްކަވާފައިވެއެވެ. ފަހުމީ ވިދާޅުވީ ތުލުސްދޫގައި މިހާރު ވެސް ހިނގަމުންދާ ޕަވާހައުސް އަކީ ވަރަށް ފެންވަރު ރަނގަޅު ޕަވާހައުސްއެއް ކަމަށެވެ.
"މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ސްޓެލްކޯ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ.
މި މަސައްކަތް ސަންވިލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 11،954،501 ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކުރީ 175 ދުވަސްތެރޭގައި ނިންމާގޮތަށެވެ.