ދެ ސައިކަލް ޖެހި ކުޅުދުއްފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ކުޅުދުއްފުށިގައި ހުންނަ އިސްލާމިކް ބޭންކް ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނީ ރޭ 8 ޖަހާކަން ހާއިރުއެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އެކްސިޑެންޓުވުމުން އެތަނުން އެއް ސައިކަލް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި އެމީހާ އޭގެ ފަހުން ފަރުވާ ހޯދަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގޮސްފައިވާކަމަށެވެ. އަދި އެމީހާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށާއި އެއީ 37 އަހަރުިގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ދެން ސައިކަލް ދުއްވި 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ސީނުން ފިލި މީހާ ދުއްވި ސައިކަލު ވަނީ މިހާރު ޓޯ ކޮށްފައެވެ.
މި އެކްސިޑެންޓް ގެ މައްސަލަ އަދި އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.