އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ އޮރިޔާން ކާޑު ހެދިި ފިރިހެނެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެެއް ހާމަކޮށް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާ އުފުލާފައިވަނީ ހދ.ކުޅުދުށްފުށީ މީހެއްގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން އެކި ދުވަސް މަތިން އުމުރުން 14 އަހަރުގެ ކުއްޖަކު ފެންވަރަން ހުރި މަންޒަރު ފޮޓޯނަގައި ވީޑިއޯ ކޮށްފައިވާ މައްސަލައިގައެވެ. މި މައްސަލާގެ ތުހުމަތުގައި ފުލުހުން އޭނާގެ ފޯނު ތަހުލީލުކުރިއިރު އެ ފޯނުން އަންހެން ކުއްޖާގެ ގޭގެ ކޮޓަރިތަކާއި ވަކިން ހުންނަ ފާޚާނާގައި ބަރަހަނާކޮށް ކުއްޖާ ފެންވަރަން ހުއްޓައި ނަގާފައިވާ ފޮޓޯ/ވީޑިއޯ ފެނިފައިވެއެވެ.
މި މައްސަލައިގައި ދައުވާ ލިބޭ މީހާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައެވެ.
މި މައްސަލާގެ އިބްތިދާއީ މަރުހަލާ ނިމި ޝަރީއަތުގެ މަރުހަލާ ކުރިއަށްގެންދަން ބެލިއިރު, ދައުވާ ލިބޭ ފަރާތުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އިއުތިރާޒުކޮށްފައިވާ ކަމަށް މި މައްސަލަ ބަލަމުންދިޔަ މެޖިސްޓްރޭޓް ކޯޓުން މިއަދު އާންމު ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އަދި ކަރެކްޝަނަލް ސަރވިސްއަށް އޭނާ ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާރ ޖެނެރަލްގެ ފަރާތުން އެދޭ ގޮތެއް އަންގައިދިނުމަށް އެ ކޯޓުން އެދުމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އެދިފައިވަނީ މި މައްސަލަ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށް މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދިފައެވެ.
އެގޮތުން މި މަހުގެ ފުރަތަމަ ދުވަހު އެ ކޯޓުން ވަނީ މި މައްސަލަ އަނބުރާ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.