ކުޅުދުއްފުށި ސިޓީއާއި ތިމަރަފުށީގެ ޒުވާނުންނަށް ވަދު ކަނދުފަތި އަޅައިދިނުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ދާއޫދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުޙަތު މުޙައްމަދުއާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޟާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙީލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙުމަދުއާ ބައްދަލުކުރައްވައި އެ ދާއިރާތަކުގައި މަސްވެރިކަމުގެ ދާއިރާއިން ހުރި ދަތިތައް އޮޅުންފިލުއްވައިފައެވެ.
އެގޮތުން ކުޅުދުށްފުށި ތަމްސީލު ކުރައްވާ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީގައި ގާއިމުކުރުމަށް ނިންމާފައިވާ އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދިނުމަށް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމާ ގުޅޭގޮތުން މެމްބަރުން ވަނީ ވަޒީރާ މަޝްވަރާކުރައްވާފައެވެ.
ވަޒީރު ވަނީ ކުޅުދުއްފުށީ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި ގާއިމުކުރުމަށް ނިންމާފައިވާ އައިސްޕްލާންޓް އެވޯޑްކޮށް އަމަލީ މަސައްކަތް ފެށުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު މެމްބަރުންނާ ހިއްސާކުރެއްވިއެވެ.
މީގެއިތުރުން ތިނަދޫ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ ތިނަދޫގެ މަސްވެރިންގެ ޝަކުވާތައް ވަޒިރާ ހިއްސާކުރައްވައި މަސްވެރިން ބާނާ މަހަށް ދާއިމީކޮށް މިފްކޯއިން ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ މަސްވެރިކަން ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން އިއުލާނުކޮށްފައިވާ ކޯލްޑް ސްޓޯރޭޖާއި ޕްރޮސެސިން ފެސިލިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތާއި މިފްކޯ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޟާއެކު ބޭއްވި ބައްދަލުވުމުގައި ރިޔާޟް ވަނީ ތ.އަތޮޅުގެ މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ ދަތިތައް ވަޒީރާ ހިއްސާ ކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތިމަރަފުށީގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ތ.ފުނައްޑޫ ތަރައްގީ ކުރުމަށް ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ. އަދި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި މަސް ކާރުޚާނާތައް ގާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވިއެވެ.
ވަޒީރު ވަނީ ތިމަރަފުށީގެ ޒުވާނުންނަށް ވަދު ކަނދުފަތި އަޅައިދިނުމަށް ވުޒާރާއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.