ރާއްޖެއަކީ ޖިއޮގްރަފީގެ ގޮތުން ކުޑަ އަސްކަރީ އަދި އިޤުތިޞާދީ ގޮތުން ބޮޑު ބާރަކަށްނުވި ނަމަވެސް، ރާއްޖޭގެ ސިޔާދަތުގެ ސައިޒާއި މުހިއްމުކަން އެހެން އެއްވެސް ޤައުމެއްގެ ސިޔާދަތުގެ ސައިޒާއި މުހިއްމުކަމަށްވުރެ ވަކި ކުޑަނުވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި ދެއްވި ތަޤުރީރުގައި އިހުސާނު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބައިނަލްއަޤުވާމީ މަސްރަހުގައި ބޮޑެތި ބާރުތަކުގެ މެދުގައި ބާރުވެރިކަން ކަށަވަރުކުރުމުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިވާދަވެރިކަމުގެ ކުންނުގައި އޮތީ ބައިނަލްއަޤުވާމީ ނިޒާމުތައް އެ މައްޗަށް ބިނާވެފައިވާ އިއްތިހާދުތަކާއި، ގުޅުންތަކާއި، އުސޫލުތަކުގެ ކޮންޓްރޯލު ހޯދުމަށް އޮތް ވާދަވެރިކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށްވީ ނަމަވެސް ދިވެހިރާއްޖެ އޮންނަނީ، ކަނޑުގެ ދަތުރުފަތުރަށް މުހިއްމު މަގުތަކެއް އެކުލެވޭ ބޮޑު ކަނޑުގެ ސަރަހައްދެއްގެ މައްޗަށް ޝާމިލުވާ ޖިއޯސްޓްރެޓިޖީގެ ގޮތުން މުހިއްމު ސަރަހައްދެއްގައިކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ މިކަމުގެ ސަބަބުން ބާރުތަކުގެ މެދުގައި ހިނގާ ވާދަވެރިކަމުގައި މުހިއްމު ސަމާލުކަން ދެވޭ ތަނަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ކޮންޓުރޯލު ހޯދުމަށް ހިނގާ ވާދަވެރިކަމުގައި ރާއްޖެއަކީ މުހިއްމު ތަނެއްކަމަށް ވެފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ރާއްޖެއިން ފާއިތުވި އަހަރުތަކުގައި ގެންގުޅުނު އުސޫލަކީ ހުރިހާ ބާރުތަކާއެކު ގާތް ގުޅުމެއް ހަމަހަމަ ގޮތެއްގައި ބޭއްވުމާއެކު، ރާއްޖެއަށް ލިބޭ ފައިދާ އިތުރުކުރުމާއެކު ސިޔާދަތީ ބާރު ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް ބައިނަލްއަޤުވާމީ ވާދަވެރިކަން ބޮޑުވުމާއެކު، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ނާޒުކު ހާލަތެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިހުސާން ވިދާޅުވީ އެވާދަވެރިކަމުގެ ސަބަބުން މުހިއްމު އިސްތިރާޖީ ގުޅުންތައް ޤާއިމުކޮށް، އުމްރާނީ ތަރައްޤީއާއި އިޤުތިޞާދީ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ހޯދަން ފަސޭހަވި ނަމަވެސް، ނާޖާއިޒު ނުފޫޒުތަކާއި ސިޔާދަތަށް ހިރާސްތައް ކުރިމަތިވުމުގެ ބިރު އެކަމުން ކުރިމަތިވަމުންދާ ކަމަށެވެ.
މި އުދަގޫ ހާލަތުގެ ތެރެއިން ރާއްޖެ ކުރާ ދަތުރުގައި މުހިއްމު ޚުތޫރަތްތެރި ނިންމުންތަކެއް ނިންމަންޖެހިފައިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އުސޫލުތަކާއި ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤުވާމީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގައި ރާއްޖެއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް، މަޝްވަރާގެ އުސޫލަށް ބާރުއެޅުމާއެކު، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބާރުތަކުގެ މެދުގައި އެއްބާރުލުންދިނުމަށް ގޮވައިލާ މަސައްކަތްކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދެމެހެއްޓެނެވި ތަރައްޤީގެ މަސައްކަތްތަކަށް އިންވެސްޓުކުރުމާއެކު، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ރާއްޖޭގެ ޝާމިލުވުން އިތުރުކޮށް، ރާއްޖެއަކީ ވިލުންތެރި ޤައުމަކަށް ހެދުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖެފަދަ ކުދި އަދި އަސްކަރީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ބަލިކަށި ޤައުމުތަކުގެ ސިޔާދަތު ހިމާޔަތްކުރުމުގައި ބައިނަލްއަޤުވާމީ މުޖުތަމައުގެ ބޮޑު ދައުރެއް އޮންނާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ.
ރާއްޖެއަކީ ޖިއޮގްރަފީގެ ގޮތުން ކުޑަ، އިޤުތިޞާދީ ބާރުވެރިކަމުގެ ގޮތުން އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ނުހިމެނޭ ޤައުމަކަށްވީ ނަމަވެސް ރާއްޖޭގެ ސިޔާދަތުގެ ސައިޒާއި މުހިއްމުކަން އެހެން ޤައުމެއްގެ ސިޔާދަތުގެ ބޮޑުމިނާއި މުހިއްމުކަމަށްވުރެ ވަކި ކުޑަނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.