ނައިޖީރިއާގެ އުތުރުގެ ސްޓޭޓެއްކަމަށްވާ ކަނޯގައި މިސްކިތެއްގައި އަޅުކަންކުރަން ތިބި ބަޔަކު މިސްކިތްތެރޭގައި ބަންދުކުރުމަށްފަހު، މިސްކިތުގައި ރޯކޮށްލި ހާދިސާއެއްގައި 11 މީހަކު މަރުވެ އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާލިބިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މީހަކު މިސްކިތަށް ޕެޓުރޯލު ޖެހުމަށްފަހު، މިސްކިތުގެ ދޮރު ބަންދުކޮށް ތަޅުލައި، މިސްކިތުގައި އެއިރު ތިބި 40 މީހުން މިސްކުތުގެ އެތެރޭގައި ބަންދުކުރުމަށްފަހު، މިސްކިތުގައި ހުޅުޖެހި ކަމަށެވެ.
މި ހަމަލާއަކީ އާއިލާއެއްގެ ތެރޭގައި ވާރުތައާ ގުޅިގެން އުފެދުނު ދެބަސްވުމަކާ ގުޅިގެން ދިން ހަމަލާއެއްކަމަށްވެސް ފުލުހުން ބުންޏެވެ. އެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މިސްކިތުގައި ރޯކޮށްލުމާއެކު މިސްކިތުގެ ދޮރު ހުޅުވުމަށް މީހުން މަސައްކަތްކުރަމުންދިޔައިރު ވޭނުގައި ގިސްލައި ރޮމުންދިޔަ އަޑު އިވުނު ކަމަށެވެ.
މިސްކިތުގައި ރޯވެ އެއްޗެއް ގޮވި އަޑަށް އެތަނުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން އަވައްޓެރިން އަވަސްވިކަމަށާއި، ބޮމާ ގުޅޭ މާހިރުން ހިމެނޭހެން އަލިފާން ނިއްވައި މީހުން ސަލާމަތްކުރުމަށް ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކަނޯގެ އަލިފާން ނިއްވުމާ ބެހޭ ޚިދުމަތުން ބުނެފައިވަނީ އެ ހަމަލާދިނުމާއެކު ވަގުތުން އެ އިދާރާއަށް އެކަން އަންގާފައިނުވާކަމަށެވެ. ވަގުތުން އެ މައުލޫމާތު ލިބުނުނަމަ އެ ހާލަތު އިތުރަށް ގޯސްނުވަނީސް ކޮންޓުރޯލުކުރެވުނީސްކަމަށްވެސް އެ ޚިދުމަތުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ހައްޔަރުކުރި މީހާ އެ ހަމަލާއަކީ އާއިލާގެ ތެރޭގައި އުފެދިފައިވާ ވާރުތައިގެ މައްސަލައަކާ ގުޅިގެން އެވަގުތު މިސްކިތުގައި ތިބި އާއިލާ ބަޔަކަށް އަމާޒުކޮށް އޭނާ ދިން ހަމަލާއެއްކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު ކުޑަކުދިން ހިމެނޭހެން އިތުރު އެތައް ބަަޔަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 11 އަށް އަރާއިރު ދޮޅަހަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެ ފަރުވާދެމުންދާކަމަށް ނައިޖީރިއާ ފުލުހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.