ޤަވާއިދާ ޚިލާފަށް ހައިވޭގައި ހެލްމެޓު ނާޅައި ސައިކަލުގައި ދަތުރުކުރި ދެމީހަކާމެދު ފުލުހުންގެ ޚިދުމަތުން ފިޔަވަޅުއަޅައިފިއެވެ.
އިރުއޮއްސުނު ވަގުތުގައި ހުޅުމާލެއާއި މާލެއާ ދެމެދުގައި އަޅާފައިވާ ބުރިޖާއި ބުރިޖާ ގުޅިފައިވާ ހައިވޭގައި ހެލްމެޓު ނާޅައި ދަތުރުކުރި ދެ މީހެއްގެ ފޮޓޯ މީސްމީޑިއާގައި އާންމުވެފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެމީހުން ދަތުރުކުރީ މާލެއިން ހުޅުމާލެއަށެވެ.
އަދި އެމީހުން ސައިކަލުގައި ދުއްވާފައި ދިޔައީ ވަރަށް ބާރަށް ކަމަށާއި، އެމީހުންނަށް ހެލްޓު އަޅަން މީހަކު ހަނދާންކޮށްދިނުމުން އެމީހާއަށް ހަމަލާދީ "ކަންކަށި މަޓީގައި ޖަހާފައި" ދިޔަކަމަށްވެސް އެ މީހުންގެ ފޮޓޯ މީސްމީޑިއާގައި ޕޯސްޓުކުރި މީހާ ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުވަމުންދާ، މި ޕޯސްޓްގައި ހިމެނޭ ދެމީހުންނާއިމެދު ފުލުހުންވަނީ ފިޔަވަޅު އަޅާފައި (ޖޫރިމަނާ ކުރެވިފައި).
— Ahmed Shifan (@Shifan4040) May 17, 2024
މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ޚިދުމަތަކަށްވާނެ. pic.twitter.com/IE5ca0tm9J
މި ޕޯސްޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މީސްމީޑިއާގައި ދައުރުވާ އެ ޕޯސްޓުގައި ފެންނަ ދެމީހުންނާމެދު ފުލުހުންގެ ޚިދުމަތުން ފިޔަވަޅުއަޅާފައިވާ ކަމަށެވެ. އަދި އެޅި ފިޔަވަޅަކީ އެމީހުން ޖޫރިމަނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިފާންވަނީ މަގުމަތީގެ ރައްކާތެރިކަމަށް އެކަށެއެޅިފައިވާ އުސޫލުތަކަށް ތަބާވެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ފަރުދަކުވެސް އެއްބާރުލުންދިނުމަކީ، މަގުގެ އަމާންކަމަށް ކޮށްދެވޭނެ އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވައި މަގުމަތީގެ އަމާންކަން ޔަގީންކުރުމުގައި ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
ދަތުރުފަތުރުކުރުމުގެ ގަވާއިދުތަކާ ޚިލާފަށް ބައެއް މީހުން އަމަލުކުރާ މައްސަލަ ދޭތެރެއިން ފެންމަތިވެއެވެ. އެފަދަ ކަންކަމުގެ ސަބަބުން އެފަދައިން އަމަލުކުރާ މީހުންނާއި އެހެން މީހުންނަށް ނުރައްކާތައް ކުރިމަތިވާކަން ފާހަގަކޮށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.