މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުންވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ އެއްކޮޅަށް ނިންމާ ބޮޑު ނިންމުމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ މިއަދުގެ އިންތިޚާބުގައި މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން ރައްޔިތުން ނިންމާނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރާ އެއްކޮޅަށް ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ.
"މާތްﷲ ތަނަވަސް ރަހުމަތުން އިރާދަކުރެއްވިއްޔާ މި އިންތިހާބަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ނިންމުމެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ އެއްކޮޅަށް ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ނައިބުރައީސް ވިދާޅުވިއެވެ.
އަދި މިހާތަނަށް ވޯޓުގެ ކަންކަން ކުރިއަށްދާ ގޮތުން ފެނިވަޑައިގަންނަވަނީ ވަރަށް ފަހިކޮށް ސަރުކާރު ހިންގާ ޕީއެންސީއަށް އިންތިޚާބު ކާމިޔާބުކުރެވި ހިތްހަމަޖެހޭ ނަތީޖާއެއް ނެރެވޭ މަންޒަރުކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޤައުމުގައި ހަމެޖެހުން އޮތުމަށް ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން އޮންނާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މިއަދުގެ 13:00 އާ ހަމައަށް 113،627 މީހުން މަޖިލިސް އިންތިޚާބުގައި ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 40 އިންސައްތައެއްހައި މީހުންނެވެ.