ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް "ކަނޑުފަޅުގެ ނަފާ" ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ލޯނުގެ މަގުސަދަކީ ފަރުމަސްވެރި ކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެއުމަށް އެހީތެރިވުމެވެ.
އެސްޑީއެފްސީ އިން ބުނީ މި ލޯނު ޕްރޮގްރާމަކީ ފަރުމަސްވެރިކަން ކުރާ ފަރާތްތައް ކުރި އެރުވުމަށް އެސްޑީއެފްސީ އާއި މަސްވެރި ވުޒާރާ ގުޅިގެން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޫކުރާ ލޯނެއްކަމަށެވެ.
މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. މި ލޯނު ސްކީމުގެ ދަށުން 700،000 ރުފިޔާއާއި ހަމައަށް ދޫކުރާއިރު، މި ލޯނު 10 އަހަރަށް ބަހާލައިގެން ދެެއްކޭނެއެވެ. ލޯނުގެ ގްރޭސް ޕީރިއަޑް 06 މަސް ދުވަހުގެ ގޮތުގައި ދީފައިވާއިރު، ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 5 ޕަސެންޓެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ފަރުމަސް ކަަމަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރާ ކަމެއް ކަމަށާއި، މިކަމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެޖެހޭ ކަމަށެވެ. އަދި މި ލޯނު ހުޅުވާލެވުމުން ކުދި އައިސްޕްލޭންޓްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންގެ ދަފްތަރު ފުރިހަމަވެގެންދާއިރު، ބޭންކް ތަކުން ދޫކުރާ ލޯންތަކާއި، ކުންފުނިތަކުން އެހެން އޮފީސްތަކަށް ދޭ ލުއި ލޯނުތައް ފަދަ ލޯނުތައް ލިބިގެންދާނެ ކަމަށެވެ.