ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޅެންވެރިންގެ ދުވަހާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައބް ރައީސް ވިދާޅުވީ، ޤައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަންފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާލުން ވަރަށް މުހިންމުކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހައި ފަރާތްތަކަށް އަރިސްކޮށްފައެވެ.
ނައިބް ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ދިރުވާ އާލާކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ވުޒާރާއެއްވެސް މިހާރު ވަނީ އުފައްދަވާފައެވެ.
މީގެ އިތުރުން ޤައުމިއްޔަތާ ގުޅުންހުރި ކޮލެޖެއް އުފެއްދައި ޤައުމިއްޔަތުގެ ބަހާތައް ދިރާސާކުރުމަށް ޤައުމީ މަރުކަޒެއް އުފައްދަވާ ދިރާސާތައް ފެށުމުގެ މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރައްވަމުންނެވެ.