ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު އިއުލާނެއްގައި ބުނީ، 20 މާރިޗު 2024 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ ތިން ވަނަ ޖަލްސާގައި އެއެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިޖަލްސާ އޮންނާނީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި މާލޭ ޓީޓީ ހޯލްގައެވެ.
މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ޓީޓީ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެ ކަމަށް ބުނެފައިވެއެވެ.
އަދި އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.