ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
''ވީމާ ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކާއި ބުރިޖުގެ ހައިވޭގައި ދަތުރުކުރައްވާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަން.''
މޫސުން ގޯސްވުމާ ގުޅިގެން މިއަދު ވަނީ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ގއ.އަތޮޅުން އައްޑޫ ސިޓީއަށް މިއަދު މެންދުރުފަހު 15:00 އާ ހަމައަށް ވަނީ އެލާޓް ނެރެފައެވެ.