ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހަދަން 18 ބިން ކުއްޔަށް ދޫކުރަން، އެ އެއާޕޯޓް ހިންގާ ރީނަޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ވާގޮތުން އެ ރަށުގެ އެއާޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމުގެ ކުރިން އެ ކުންފުނީގެ ޓެންޑާ މެއިލް އަށް ހުށަހަޅަން ޖެހޭނެ އެވެ.
އެކަމަކު ދޫކުރާ ބިމުގެ ޖާގައިގެ ތަފުސީލުތައް އިއުލާންގައި ހާމަކޮށްފައެއްނުވެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައި ރަސްމީކޮށް ދަތުރުތައް ފެށީ މިދިޔަ މާޗު މަހު އެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ހެދި ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާފައިވެ އެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ހަރަދުވި އެވެ.