އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ޖަލްސާކުރާ އިމާރާތުގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވި ކަމުގެ ތުހުމަތުގައި އިމްޕީޗުމެންޓު (އިސްތިޒާލު)ކުރުމަށް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ފާސްކުރުމާ ގުޅިގެން ކޮންގުރެސްގެ މަތިގެ ކަމުގައިވާ ސެނެޓުގައި ހިނގާ ޝަރީޢަތަށް ވަކީލަކު ހަމަޖެއްސެވުމުގައި ޓުރަމްޕަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
ރައީސް ޓުރަމްޕަށް ތާއީދުކުރައްވާ ބޭފުޅުން ވޮޝިންޓަނުން ޓުރަމްޕު ތަމްސީލުކުރާނެ ލޯޔަރުން ހޯއްދަވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށާއި މިހާތަނަށް އެ ބޭފުޅުންނަށް ރަނގަޅު ވަކީލަކު ހަމަޖެއްސެވިފައިނުވާ ކަމަށް ބްލޫމްބާގު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަދި މީގެ ކުރިން ހުށަހެޅުނު އިމްޕީޗްމެންޓު މައްސަލާގައި ރައީސް ޓުރަމްޕު ތަމްސީލުކުރެއްވި ބައެއް ވަކީލުން މި ޤަޟިއްޔާގައި އޭނާ ތަމްސީލުކުރުމަށް އިންކާރުކުރައްވާފައިވާ ކަމަށް އެ މައުލޫމާތު ލިބިފައިވާ ބައެއް ފަރާތްތަކާ ހަވާލާދީ ބްލޫމް ބާގުން ރިޕޯޓުކޮށްފައިވެއެވެ.
އަދި މީގެ ކުރިން ޓުރަމްޕުގެ ދިފާޢީ މަސައްކަތްކުރި ވަކީޅުންގެ ތެރޭގައި ހިމެނޭ ފްލޮރިޑާ ޕާމް ބީޗުގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީއާއި އެރިކް ހާޝްމަންއާއި ޕެޓް ފިލްބިން އަދި މާކް ކެސޮވިޓްޒް ފަދަ ވަކީލުން މިފަހަރު ޓުރަމްޕުގެ ޤާނޫނީ ޓީމާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިނުވާ ކަމަށްވެސް ބައެއް މަޞްދަރުތަކާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެއިން ބައެއ ވަކީޅުން ބުނެފައިވަނީ ޓުރަމްޕު ކުރެއްވި ކަމަކީ ދިފާޢުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލާގައި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ވޯޓުން ޓުރަމްޕު އިމްޕީޗުކުރަން (އިސްތިޒާލްކުރަން) ފާސްވި ނަމަވެސް މަޤާމުން އަޒުލުކުރުމަށް ބާއްވަންޖެހޭ ސެނެޓުގެ ޝަރީޢަތް ފަށާނެ ތާރީޚެއް އަދި ނޭނގެއެވެ.