ގިނަ އަހަރުތަކެއް ވަންދެން، ބޫޓާން ވަނީ އެޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އާދަޔާ ޚިލާފު މިންގަނޑުތަކަކުން އުފާވެރިކަމާއި ދެމެހެއްޓެނިވި ކަމުގެ މައްޗަށް ބިނާކޮށް މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ އުފާވެރި އެއްގައުމުގެ ގޮތުގައި ދެމިއޮވެފައެވެ.
ނަމަވެސް އިޤްތިޞާދީ ދަތިތަކާއި ތަޢުލީމީ މީހުން ބޭރު ގައުމުތަކަށް ހިޖުރަކުރުން އިތުރުވަމުން ދިޔުމާއެކު، ހިމާލިޔާގެ ފަރުބަދަތަކުގެ ތެރޭގައި އޮންނަ މިކުޑަކުޑަ ގައުމަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮންޖެހުންތަކުގެ ތެރެއިން ބޫޓާން ވަނީ މާލީ އައު ގޮތްތައް ބޭނުންކުރުމުގައި ދުނިޔޭގެ އިސް ދައުރެއް އަދާކުރާ ޤައުމަކަށް ވެފައެވެ. އެއީ ބިޓްކޮއިންއެވެ.
އިންޑިއާ އާއި ޗައިނާގެ ދެމެދުގައި އޮންނަ ބޫޓާނަކީ ދުނިޔޭގައި ކާބަން ނެގެޓިވް ވި ފުރަތަމަ ޤައުމެވެ. އެގައުމުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެންމެ މަޤްބޫލު ކްރިޕްޓޯކަރަންސީން އެތައް މިލިއަން ޑޮލަރެއް މައިން ކޮށްފައެވެ. އެހެން އެއްވެސް ޤައުމަކުން ބިޓްކޮއިން މައިން ނުކުރާ މިންވަރެއްގެ ބޮޑު އަދަދެއް މައިންކޮށް ބޫޓާން ވެފައި ވަނީ ބިޓްކޮއިންގެ އެންމެ ބޮޑު ރައުސްމާލެއް އޮތް ގައުމަށެވެ.
ބޫޓާންގެ އިޤުތިޞާދު ބިޓްކޮއިންގެ މައްޗަށް މިހާ ބޮޑަށް ބަރޯސާވެފައި ވަނީ ކީއްވެ ހެއްޔެވެ؟ ގިނަ ހަކަތަ ބޭނުންވާ މި ކްރިޕްޓޯކަރަންސީ ބޫޓާނުން މައިން ކުރަނީ ކިހިނެއް ހެއްޔެވެ؟ ބޫޓާންގައި ކިހާވަރެއްގެ ބިޓްކޮއިން މުއްސަނދިކަމެއް އެބައޮތް ހެއްޔެވެ؟ އަދި މި ޑިޖިޓަލް ފައިސާގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކަށް ބަލާއިރު، ބޫޓާންގެ އިޤުތިޞާދު އޮތީ ނުރައްކަލެއްގައި ހެއްޔެވެ؟
ބިޓްކޮއިން އަކީ 2008 ގައި އުފެއްދި ޕިއަރ-ޓު-ޕިއަރ ކްރިޕްޓޯކަރަންސީ އެކެވެ. މިއީ އެއްވެސް ސަރުކާރެއްގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ. މީހުންނަށް ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީ ގަނެވިއްކޭނެއެވެ. ބިޓްކޮއިންގެ އަގު ހުންނަނީ ބްލޮކްޗެއިންގައި ހުންނަން ކަނޑައެޅިފައިވާ ބިޓްކޮއިންގެ އަދަދު ކަނޑައެޅިފައި ވާތީއެވެ. އެއީ ގާތްގަނޑަކަށް 21 މިލިއަން އެވެ. މި ކޮއިންތަކުގެ ގިނަ އަދަދެއް ވަނީ މިހާރު މައިން ކުރެވިފައެވެ. ނަމަވެސް ގާތްގަނޑަކަށް އެއް މިލިއަން ބިޓްކޮއން އަދި ބާކީ އެބައޮތެވެ.
ބޫޓާނުން ބިޓްކޮއިން މައިން ކުރަނީ ކިހިނެއް؟
ބޫޓާނުގެ ހައިޑްރޯޕަވަރ ޕްލާންޓްތަކުން ސުޕަރ ކޮމްޕިއުޓަރުތަކަށް ހަކަތަ ދީގެން އުނދަގޫ މައްސަލަތައް ހައްލުކޮށް، އޭގެ އިނާމެއްގެ ގޮތުގައި ބިޓްކޮއިން ލިބި، ބްލޮކްޗެއިންއަށް ބިޓްކޮއިން އިތުރުކުރެވެއެވެ.
"މިއީ ހަމައެކަނި ސާދާ ސްޓްރެޓެޖިކް ޗޮއިސްއެއް، ގިނަ ބަޔަކު މިކަން ކޮށްގެން ބިލިއަން ޑޮލަރު ހޯދާފައިވޭ، އަދި އަހަރެން ދެކޭގޮތުގައި ސަރުކާރުތަކުންވެސް މިކަން ކުރަންވާނެ،" ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގ ޓޮބްގޭ މާރިޗު މަހު އަލް ޖަޒީރާގެ ބަރނާޑް ސްމިތަށް ވެރިރަށް ތިމްޕޫގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ޓޮބްގޭ ވިދާޅުވި ގޮތުގައި ހޫނު މޫސުމުގައި، ފެން ދައުރުވާ މިންވަރު ގިނަވެ، ހައިޑްރޯޕަވަރ ޕްލާންޓްތަކުން ބޭނުންވާ ވަރަށްވުރެ ގިނައިން ހަކަތަ އުފެއްދެއެވެ. "އެއީ ބިޓްކޮއިން މައިނިންގ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެއް،" ޓޮބްގޭ ވިދާޅުވިއެވެ.
ބޫޓާން އޮތީ އިތުރުވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކެއްގެ ތެރޭގައެވެ. 800،000 މީހުން ދިރިއުޅޭ ޤައުމު އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ބިޓްކޮއިން މައިނިންގ ހިމެނެއެވެ.
ބޫޓާނަކީ ކަނޑާ ގުޅިފައިވާ ޤައުމެއް ނޫނެވެ. 38،000 އަކަކިލޯމީޓަރު (14،672 އަކަމޭލު) ހުރި މި ޤައުމަކީ ސުވިޒަލޭންޑާ ގާތްގަނޑަކަށް އެއްވަރުގެ ބޮޑު ޤައުމެއް ނަމަވެސް، ފަރުބަދަވެރި ސަރަޙައްދުތަކުގެ ސަބަބުން ގިނަ ބިންތަކަކީ ދަނޑުވެރިކަން ކުރެވޭ ބިންތަކެއް ނޫނެވެ. ބޫޓާނުން ގިނަ ކާބޯތަކެތި އިމްޕޯޓްކުރަނީ އިންޑިއާއިންނެވެ.
ނަމަވެސް، މި އަދަދުތަކުން ނުދައްކާ އެއްޗަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިޤުތިޞާދަށް ކުރިމަތިވި މަޑުޖެހުމާއި އެ ޤައުމުގެ ފަރުބަދަތަކާއި، އެކަހެރި ސަރަހައްދުތަކަށް މީހުން އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތެވެ.
ބޫޓާނުން ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، ފަތުރުވެރިންގެ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ. ބޭރުގެ ފަތުރުވެރިންގެ އަތުން ދެމެހެއްޓެނިވި ތަރައްޤީގެ ފީއެއްގެ ގޮތުގައި 100 ޑޮލަރު ނަގައެވެ. މި ގަވާއިދުން އިސްތިސްނާވަނީ އިންޑިއާގެ ފަތުރުވެރިން އެކަންޏެވެ. އެމީހުންގެ އަތުން ނަގަނީ 15 ޑޮލަރެވެ. ޓޮބްގޭ ވިދާޅުވާގޮތުގައި ސަރުކާރުގެ ވިސްނުމަކީ "މަތީ ފެންވަރުގެ މަދު އަދަދެއްގެ" ފަތުރުވެރިން ގެނައުމެވެ.
ނަމަވެސް މިހާރު، ބޫޓާނަށް ބޭނުންވާ މަދު އަދަދުގެ ފަތުރުވެރިން ވެސް ގެނައުމަށް ވަނީ ދަތިވެފައިވެއެވެ. ޓޮބްގޭ ވިދާޅުވާގޮތުގައި، އެ ޤައުމަށް އަހަރަކު ގާތްގަނޑަކަށް 300،000 ފަތުރުވެރިން ގެނެވޭނެއެވެ. "މިދިޔަ އަހަރު، ގާތްގަނޑަކަށް 150،000 ފަތުރުވެރިން ޒިޔާރަތްކުރި،" ބޮޑުވަޒީރު ވިދާޅުވިއެވެ.
2024 ގައި ބޫޓާންގެ ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 19 އިންސައްތައިގައެވެ. ވޯލްޑް ބޭންކުގެ މަޢުލޫމާތު ދައްކާގޮތުން 2023 ގައި ދުނިޔޭގެ އެވްރެޖް ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 13.6 އިންސައްތައިގައެވެ.
ބޫޓާންގެ ހާލަތު ގޯސްވަމުންދާ ކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ފަހަކަށް އައިސް ޒުވާން، ތަޢުލީމީ މީހުން އެހެން ޤައުމުތަކަށް ހިޖުރަކުރަމުންދާ އަދަދެވެ. ގިނަ ބަޔަކު ގައުމު ދޫކޮށް ދާން ފެށުމުން ޤައުމުގެ އިޤްތިޞާދީ ދަތިކަން އިތުރަށް ގޯސްވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
2022 ގައި އެކަނި، ބޫޓާންގެ ހުނަރުވެރި އަދި ތަޢުލީމީ އާބާދީގެ 10 އިންސައްތައަށްވުރެ ގިނަ މީހުން ޤައުމުން ބޭރަށް ހިޖުރަކުރިއެވެ. މައިގަނޑު މަންޒިލުތަކުގެ ތެރެއިން އެކެއްކަމުގައިވާ އޮސްޓްރޭލިއާގައި، 2016 އާއި 2021 އާ ދެމެދު ބޫޓާންގެ އިމިގްރަންޓުންގެ އަދަދު ދެގުނައަށްވުރެ އިތުރުވިއެވެ.
ގައުމު ދޫކޮށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވަމުން ސަބަބުން ބޫޓާންގެ ސިވިލް ސަރވިސްވެސް ދަށަށް ގޮސްފައިވެއެވެ. 2019 އިން ފެށިގެން ސިވިލް ސަރވަންޓުން ވަޒީފާއިން ވަކިވާ މިންވަރު އިތުރުވެ، 2023 އާ ހަމައަށްވެސް އެ އަދަދު އިތުރުވަމުން ދިޔަކަމަށް ދައުލަތުން ފަންޑުކުރާ ބޫޓާން ބްރޯޑްކާސްޓިންގ ސަރވިސް (ބީބީއެސް) އިން 2024 އޭޕްރީލްގައި ރިޕޯޓުކުރިއެވެ.
ސިވިސް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް ބޫޓާން ސަރުކާރުން ވަނީ ބިޓްކޮއިންގެ އެހީ ހޯދާފައެވެ. 2023 ގައި، ބޫޓާން ސަރުކާރުން 100 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވިއްކައި، ސިވިލް ސަރވަންޓުންގެ މުސާރަ ދެގުނަ ކުރިކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކޮށްފައި ވެއެވެ.
އޭގެފަހުން، ސިވިލް ސަރވަންޓުން ވަޒީފާއިން ވަކިވާ މިންވަރު ކުޑަކޮށް ދަށްވެފައިވާކަމަށް ބީބީއެސް އިން ރިޕޯޓުކޮށްފައިވެއެވެ. 2024 ގެ ފުރަތަމަ ކުއާޓަރގައި 500 ސިވިލް ސަރވަންޓުން ވަޒީފާއިން ވަކިވިއިރު، 2023 ގެ އެ މުއްދަތުގައި ގާތްގަނޑަކަށް 1,900 މީހުން ވަޒީފާއިން ވަކިވެފައިވެއެވެ.
ބުޓާންގެ ރަސްގެފާނު ޖިގްމެ ކެސަރ ނަމްގެލް ވަންގްޗަކް އަކީ ވެސް ޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ބޭފުޅެކެވެ.
"ކުޑަ ޤައުމަކަށްވުމުން އަޅުގަނޑުމެންނަކީ ވިސްނުންތޫނު ޤައުމަކަށް ވާންޖެހޭ. މިއީ އަޅުގަނޑުމެންގެ ޗޮއިސްއަކުން ނޫން. މަޖުބޫރުކަމެއް،" ރަސްގެފާނު 2019 ގައި ދެއްވި ޚިޠާބެއްގައި ވިދާޅުވިއެވެ. "މި އަމާޒަށް ވާސިލުވުމަށް ޓެކްނޮލޮޖީއަކީ ކޮންމެހެން ބޭނުންވާނެ މުހިންމު ވަސީލަތެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.
ބުޓާންގެ ބިޓްކޮއިން މައިނިންގ ދެމެހެއްޓެނިދާތަ؟
ބިޓްކޮއިން މައިނިންގގައި ބޫޓާން ކާމިޔާބީތަކެއް ހޯދި ނަމަވެސް ބިޓްކޮއިންގެ ސަބަބުން ލިބޭ އިޤުތިޞާދީ މަންފާ ބޭނުންކޮށް އެހެން ދާއިރާތަކާއި އިންވެސްޓަރުން ހޯދުމުގައި އެގައުމަށް ކުރިއެރުމެއް ނުހޯދެވެ.
ނިއު ދިއްލީގެ އޮބްޒާވަރ ރިސާރޗް ފައުންޑޭޝަން (އޯއާރްއެފް)ގެ އެސޯސިއޭޓް ފެލޯ އަދިތިޔާ ގައުދަރާ ޝިވަމުރުތީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ބޫޓާނުން ގެންގުޅޭ ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުގެ ސަބަބުން އިންވެސްޓަރުންނަށް އެގައުމުގައި ގިނަ ހުރަސްތަކެއް އެބަހުރި ކަަށެވެ. "ބުޓާންގެ ބިމުގެ 60 އިންސައްތަ ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ބެހެއްޓުމާއި، ސިނާޢީ މަސައްކަތތައް ކުރުމުގެ ބަދަލުގައި އުފާވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދިނުމުގެ ސަބަބުން ބުޓާންއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ލިބޭ މިންވަރު ވަރަށް މަދު،" އަދިތިޔާ ގައުދަރާ ޝިވަމުރުތީ ވިދާޅުވިއެވެ.
ބޮޑުވަޒީރު ޓޮބްގޭ ވެސް ވަނީ އިންވެސްޓަރުންނަށް ފުރުސަތު ހަނިކޮށްފައި އޮންނަ ސަބަބާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. "އަޅުގަނޑުމެން ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކާމެދު ވަރަށް ފަރުވާތެރިވެފައިވާނެ،" ޓޮބްގޭ ވިދާޅުވިއެވެ. "ތިމާވެއްޓަށް ގެއްލުން ލިބޭ، ވައި ތަޣައްޔަރުކުރާ، އަޅުގަނޑުމެންގެ ސަގާފަތް ނައްތާލާފާނެ ސިނާއަތްތަކަށް ފުރުސަތު ދިނުމުގައި އަޅުގަނޑުމެން ވަރަށް ފަރުވާތެރިވެފައިވާނެ." އޭނާ ވިދާޅުވިއެވެ.
އޯއާރްއެފްގެ ޝިވަމޫރުތީ ވިދާޅުވި ގޮތުގައި ބޫޓާންގައި ކްރިޕްޓޯކަރަންސީ މައިނިންގ އަށް އެކަށީގެންވާ ތިމާވެއްޓަކާއި ގުދުރަތީ ވަސީލަތްތައް އެބަހުއްޓެވެ.
ބޫޓާނުން އުފައްދާ ހައިޑްރޯޕަވަރ އަކީ ބޭނުންކުރާ މިންވަރަށްވުރެ ގިނަ އަދަދެކެވެ.
"އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯގެ ބައެއްގެ ގޮތުގައި ބިޓްކޮއިން މައިނިންގ އަށް އަޅުގަނޑުމެންގެ ގްރީން އެނަރޖީގެ ބޭނުން ހިފުމަކީ ބޫޓާނަށް މުހިންމު ކަމެއް،" ބޫޓާން ރޯޔަލް ސަރުކާރުގެ ވިޔަފާރި އަދި އިންވެސްޓްމަންޓް ފަރާތްކަމުގައިވާ ޑްރުކް ހޯލްޑިންގ އެންޑް އިންވެސްޓްމަންޓްސްގެ ސީއީއޯ އުޖްވަލް ޑީޕް ދަހަލް އަލް ޖަޒީރާއަށް ވިދާޅުވިއެވެ.
ބޫޓާނުން އިންޑިޔާއަށް ހައިޑްރޯ ކަރަންޓު އެކްސްޕޯޓްކުރެއެވެ. ބިޓްކޮއިން މައިނިންގ އަކީ ބޫޓާނަށް އެކްސްޕޯޓަށް އޮތް އެހެން ގޮތެއް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ބޫޓާންގެ ސަރުކާރުން ބިޓްކޮއިން އެކްސްޕޯޓް ކުރުމަށް އަދި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމުގެ ކަންބޮޑުވުން ތަޖުރިބާކާރުންގެ މެދުގައި އެބައޮތެވެ.
"ވަރަށް އަގުހެޔޮކޮށް [ހައިޑްރޯޕަވަރ] އެކްސްޕޯޓްކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ބޫޓާނުގެ މަތީ ފަރުބަދަތަކުގައި ބިޓްކޮއިން މައިނިންގއަށް ބޭނުންކުރަނީ،" ތިމްޕޫގައި ހުންނަ ޕްރައިވެޓް ހަފްތާ ނޫހެއް ކަމަށްވާ ދަ ބޫޓަނީސް ނޫހުގެ އެޑިޓަރ އިން ޗީފް ޓެންޒިންގ ލަމްސަންގ އަލްޖަޒީރާއަށް ވިދާޅުވިއެވެ.
ބިޓްކޮއިން މައިނިންގގެ އިތުރުން، އެ ޤައުމުން ވަނީ ޚާއްޞަ އިދާރީ ސަރަޙައްދަކާއި އިޤްތިޞާދީ މަރުކަޒެއް ކަމަށްވާ ގެލެޕޫ މައިންޑްފުލްނެސް ސިޓީ ބިނާ ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ދެމެހެއްޓެނިވި ގޮތާއި ދުޅަހެޔޮކަމުގެ އާދަކާދަ ވިޔަފާރީގެ ކުރިއެރުންތައް ލިބޭ ސިޓީއެކެވެ. މި ސިޓީއަކީ ތިރި އިމާރާތްތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި، ދިރިއުޅޭ ސަރަޙައްދުތަކާއި، ގައުމީ ޕާކަކާއި ވަނަސްޕަތީގެ ރައްކާތެރިކަމުގެ ސަރަޙައްދެއް ހިމެނޭ އާބަން ޑިވެލޮޕްމަންޓް ސިޓީއެކެވެ.
ބޫޓާން ސަރުކާރުން ބިޓްކޮއިން މައިން ކުރުމަށް ކުރަމުން އަންނަ މަސައްކަތައް ތަޖުރިބާކާރުން ސައްތައިން ސައްތަ ދިން ނަމަވެސް ބިޓްކޮއިންގެ ފައިދާ އިން އެހެން އިންވެސްޓްމަންޓްތައް ކުރިއެރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެއީ ގައުމުގެ އިޤުތިޞާދަށް އޮތް ނުރައްކަލެކެވެ. ބިޓްކޮއިންގެ އަގު ވެއްޓި ބިޓްކޮއިންއަށް އޮތް ޑިމާންޑް ގެއްލިއްޖެނަމަ ދެން ކުރިމަތިވެދާނެ ހާލަތަކަށް ބޫޓާން ތައްޔާރު ނުވުމަކީ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
އެހެންކަމުން ބިޓްކޮއިންއަށް ބޫޓާންގެ އިޤުތިޞާދު ސަލާމަތް ކުރެވެން އޮތީ އަދިވެސް ހުޅުވާލެވިފައިވާ އިޤުތިޞާދަކަށް ފުރުސަތު ފަހި ކޮށްދީގެންނެވެ. އިންވެސްޓަރުންނަށް ލުއިތައް ދީގެންނެވެ. އެހެން ނޫންނަމަ މިއަދު އެއްކުރާ ބިޓްކޮއިންގެ މާބޮޑު ފައިދާއެއް މާދަމާ ނުކުރާނެއެވެ.
ކުރީކޮޅު ސަރުކާރުތަކުން ބިޓްކޮއިނާމެދު ޝައްކުކުރި ނަމަވެސް، މިހާރު ގިނަ ސަރުކާރުތަކުން އެކަމާމެދު ދެކޭގޮތް ބަދަލުކުރަމުން އެބަދެއެވެ.
މާރޗް 6 ގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްޓްރެޓެޖިކް ބިޓްކޮއިން ރިޒާވެއް ޤާއިމްކުރައްވާފައެވެ. އެމެރިކާގެ އިތުރުން، އެލް ސަލްވަޑޯގެ ސަރުކާރުން މާރޗް 5 ގައި އިއުލާންކުރި ގޮތުގައި 550 މިލިއަން ޑޮލަރުގެ ބިޓްކޮއިން އެބަހުއްޓެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ފްރާންސް ފަދަ އެހެން ސަރުކާރުތަކުން ވެސް ބިޓްކޮއިން ޤާނޫނީ ފައިސާއެއްގެ ގޮތުގައި ބަލައިގަންނަން ވަނީ ފަށާފައެވެ.
އޭޕްރިލް 7 ގައި، ޕާކިސްތާނުން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނެންސްގެ ފައުންޑަރ ޗެންގްޕެންގ ޒާއޯ، މާރޗް މަހު އުފެއްދި ރެގިއުލޭޓަރީ ބޮޑީއެއް ކަމަށްވާ ޕާކިސްތާން ކްރިޕްޓޯ ކައުންސިލް (ޕީސީސީ)ގެ ލަފާދޭ ފަރާތެއްގެ ގޮތުގައި އައްޔަންކޮށްފައެވެ. އެ ގައުމުން ދެކުނު އޭޝިޔާގެ ކްރިޕްޓޯ ލީޑަރެއްގެ ގޮތުގައި މަގާމު ކަށަވަރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ކްރިޕްޓޯކަރަންސީއަކީ މުސްތަގުބަލްގައި ނުފޫޒުގަދަ ފައިސާތަކަކަށް ވެގެންދާނެ ކަމާއިމެދު މެދު ޝައްކެއް ނެތެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތައް ވެސް ހިނގާ މަގުން ކުރިއަށް ގޮސް ކްރިޕްޓޯކަރަންސީގައި އިންވެސްޓް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ.