އެމެރިކާގައި ކޮވިޑް-19 ބަލިޖެހުނު މީހުންގެ ޢަދަދު 8 މިލިއަނަށްވުރެ މައްޗަށް އަރައިފި

އިބްރާހިމް އާދަމް 17 އޮކްޓޯބަރު 2020 10:39
Flowers
އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު

އެމެރިކާއިން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8 މިލިއަނަށްވުރެ މައްޗަށް އަރައިފި ކަމުގައި ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ހުކުރުދުވަހު ބުނެފިއެވެ. 

މިއީ އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދެ ހަފުތާއަށް ވެފައިވަނިކޮށް ލިބުނު ހިތާމަވެރި ޚަބަރެކެވެ. 

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ހުކުރުދުވަހު ހަވީރުގައިވަނީ 8،008،404 އަށް އަރާފައެވެ. އެ ޤައުމުގެ ފަހަތުން އެންމެ ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ދެ ޤައުމަކީ އިންޑިޔާއާއި ބްރެޒިލެވެ. ޖޯން ހޮޕްކިންސްގެ ހިސާބުތަކަށް ބަލާއިރު އެމެރިކާއިން ކޮވިޑް-19 ބަލިޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 218،000 މީހުންނަށްވުރެ އިތުރުވެފައެވެ. 

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޑޮނާލްޑު ޓުރަމްޕު އެމެރިކާގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައިނުވާ ކަމުގައެވެ. އަދި އެ ބަލީގެ ނުރައްކާތެރިކަން އޭގެ ޙަޤީޤީ ނުރައްކަލަށްވުރެ ކުޑަކަމުގައި ދައްކަވަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުވެސް ޓުރަމްޕަށް ރައްދުވެއެވެ. 

މި ހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެމެރިކާގެ ރައީސް ޓުރަމްޕުވަނީ ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ބައްޔަށް ފަރުވާކުރުމަށް ޓުރަމްޕު ހޮސްޕިޓަލުގައި އެދުމަތިކުރެވުނެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސަވައިލެއްވުމަށް މަޖުބޫރުވެވަޑައިގަތެވެ. ނަމަވެސް ހޯމަދުވަހު އޭނާވަނީ އަލުން ކެމްޕޭން ފައްޓަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު