ކަޝްމީރުގެ ދުސްތޫރީ އިމްތިޔާޒު އަނބުރާ ހޯދަން ކަޝްމީރުގެ ހުރިހާ ޕާޓީއެއް އެއްގަލަކަށް

އައިޝަތު ހަނާ 16 އޮކްޓޯބަރު 2020 16:38
Flowers
ކަޝްމީރުގެ ސިޔާސީ ޕާޓީތަކުން އެކުލަވައިލި އިއްތިހާދާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިންޑިޔާގެ ޤާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ޚާއްޞަ އިމްތިޔާޒުތައް އަނބުރާ ހޯދަން އެ ސަރަހައްދުގެ މައިގަނޑު ހުރިހާ ސިޔާސީ ޕާޓީތަކުން އިއްތިހާދެއް ހަދައި އެކަން އިއުލާނުކޮށްފިއެވެ. 

މި އިއްތިހާދު އުފައްދާފައިވަނީ އިންޑިޔާއިން ކަޝްމީރަށް ޤާނޫނު އަސާސީގައި ލިބިފައިވާ އިމްތިޔާޒުތައް އަތުލުމަށްފަހު ހައްޔަރުކުރި އެ ސަރަހައްދުގެ ލީޑަރުންގެ ތެރެއިން އެންމެ ފަހު ލީޑަރު ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. 

މި އިއްތިހާދު އިއުލާނުކުރައްވަމުން ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު ފާރޫޤު ޢަބްދުﷲ ވިދާޅުވީ، ކަޝްމީރުގެ ހަނގުރާމައަކީ ދުސްތޫރީ ހަނގުރާމައެއް ކަމުގައެވެ. އަދި 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ކަޝްމީރު ރައްޔިތުންނަށް ލިބިފައިވި ދުސްތޫރީ ޙައްޤުތައް އަނބުރާ އިއާދަކޮށްދިނުމަށް އިންޑިޔާ ސަރުކާރުގެ ކިބައިން އެދޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކަޝްމީރުގެ ސިޔާސީ ޕާޓީތަކުން އުފެއްދި އިއްތިޙާދުގައި ހިމެނެނީ ނޭޝަނަލް ކޮންފަރެންސްއާއި ދަ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީއާއި ދަ ޕީޕަލްސް ކޮންފަރެންސްއާއި ދަ އަވާމީ ނޭޝަނަލް ކޮންފަރެންސްއާއި ދަ ކޮމިއުނިސްޓު ޕާޓީ އޮފް އިންޑިޔާއެވެ. މި އިއްތިހާދު އިއުލާނުކުރި ރަސްމިއްޔާތު ބާއްވާފައިވަނީ ކަޝްމީރުގެ މައި ޝަހަރު ކަމުގައިވާ ސްރިނަގަރު ޝަހަރުގައި ހުންނަ ފާރޫޤު ޢަބްދުﷲގެ ގެކޮޅުގައެވެ. 

އަންގާރަދުވަހުގައި އިންޑިޔާ ސަރުކާރުންވަނީ 14 މަސްދުވަސް ބަންދުގައި ބެހެއްޓުމަށްފަހު ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ ބަންދުން ދޫކުރަން ނިންމާފައެވެ. އޭނާ ބަންދުން ދޫކޮށްލުމާއެކު ކަޝްމީރުގެ ދުސްތޫރީ އިމްތިޔާޒުތައް އަނބުރައި ރުޖޫޢަކުރުމަށް ޚާއްޞަ ކެމްޕޭނެއް ފެށުމަށް ކަޝްމީރުގެ ސިޔާސީ ޕާޓީތަކުންވަނީ ގޮވާލާފައެވެ. 

ފާއިތުވި އަހަރު ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުންވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޖަމްމު-ކަޝްމީރުގެ އިމްތިޔާޒުތައް އަތުލާފައެވެ. އަދި އެ ސަރަހައްދުގެ ސިޔާސީ ވެރިން ހައްޔަރުކޮށް، އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރި އެތައް ހާސް ބަޔަކުވެސް ހައްޔަރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު