މެކްސިކޯގެ ކުރީގެ ޑިފެންސް މިނިސްޓަރު މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

އިބްރާހިމް އާދަމް 16 އޮކްޓޯބަރު 2020 10:28
Flowers
މެކްސިކޯގެ ކުރީގެ ޑިފެންސް މިނިސްޓަރު

މެކްސިކޯގެ ކުރީގެ ދިފާޢީ ވަޒީރު އަދި އެ ޤައުމުގެ އަސްކަރިއްޔާގެ ކުރީގެ އެންމެ އިސްވެރިޔާ ޖެނެރަލް ސަލްވަޑޯ ސިއެންފުއެގޯސް މަސްތުވާތެކި ވަގުފާރުކުރުމާއި ކަޅުފައިސާ ދޮތުމުގެ ތުހުމަތުގައި އެމެރިކާގެ ލޮސްއެންޖަލްސްއިން ހައްޔަރުކޮށްފިއެވެ. 

އޭނާއަކީ މެކްސިކޯގެ ކުރީގެ ރައީސް އެންރިކް ޕެނާ ނިއެޓޯގެ ދަށުން 6 އަހަރު ދުވަހު މެކްސިކޯގެ ލަޝްކަރުތަކުގެ އިސް ވެރިޔާގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލޮސް އެންޖެލްސްގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުންނެވެ. 

ޖެނެރަލް ސަލްވަޑޯގެ ހައްޔަރާ ގުޅޭ މައުލޫމާތު ލިބިފައިވާ ދެ މީހަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ، ޖެނެރަލް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ މަސްތުވާތަކެއްޗާ ބެހޭ އިދާރާ ނުވަތަ ޑީއީއޭއިން ކޯޓު އޯޑަރެއްގެ ދަށުން ކަމުގައެވެ. އަދި އެ އަމުރު ނުވަތަ ވޮރެންޓު ނެރެފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ކަމުގައެވެ. މި ދެ ފަރާތުންވެސް މައުލޫމާތު ދީފައިވަނީ އެ ފަރާތްތަކުން ނަންތައް ވަންހަނާކުރުން ޝަރުޠުކޮށެވެ. 

މެކްސިކޯގެ ޚާރިޖީވަޒީރު މާސެލޯ އެބްރާޑް ޓުވިޓާގައި ލިޔުއްވާފައިވަނީ، ޖެނެރަލް ސަލްވަޑޯ ހައްޔަރުކޮށްފައިވާ ކަމާއި، އޭނާއަށް މެކްސިކޯގެ ކޮންސިއުލްތަކުން ޚިދުމަތް ލިބިގަތުމުގެ ޙައްޤު ލިބިފައިވާކަން، އެ ޤައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ކްރިސްޓަފާ ލަންޑައު އަންގަވާފައިވާ ކަމަށެވެ. 

މެކްސިކޯގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުން ޝަރުޠުކުރައްވައި އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތުދެއްވި ގޮތުގައި ސަލްވަޑޯ ހައްޔަރުކޮށްފައިވަނީ އޭނާގެ ޢާއިލާއާއެކު ލޮސްއެންޖެލްސްއަށް ވަޑައިގެންނެވުމާއެކުއެވެ. ނަމަވެސް އޭނާގެ ޢާއިލާވަނީ ދޫކޮށްލާފައި ކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާވަނީ ލޮސް އެންޖެލްސްގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ. 

ޖެނެރަލް ސަލްވަޑޯއަކީ މެކްސިކޯގެ ދިފާޢީ ވަޒީރުކަމުގައި 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުންނެވި ބޭފުޅެކެވެ. މީގެ ކުރިންވެސް މެކްސިކޯގެ ސަލާމަތީ އިސް އޮފިޝަލެއް ކަމުަގއިވާ ޖެނެރަލް ގާސިއާ ލޫނާ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު