ކޮވިޑު-19 ގެ ހާލަތު ގޯސްވާތީ ޔޫރަޕުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

އިބްރާހިމް އާދަމް 15 އޮކްޓޯބަރު 2020 19:02
Flowers

ޔޫރަޕުގެ ޤައުމުތަކުގައި ކޮވިޑު-19 ގެ ހާލަތު ގޯސްވަމުންދާތީ ޔޫރަޕުގެ ވަރަށް ގިނަ ޤައުމުތަކުގައި ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

މިގޮތުން ފްރާންސުގެ ވެރިރަށް ޕެރިހުގައި ވަނީ ރޭގަނޑު 9 އަކުން ހެނދުނު 6 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. އެ ޤައުމުގައި ފާއިތުވި ދެހަފްތާގައި އާބާދީގެ ކޮންމެ 1 ލައްކަ އަކުން 2100 މީހުންނަށް ވަނީ ކޮވިޑު-19 ޖެހިފައެވެ. ޕެރިސްގެ އިތުރުންވެސް ފްރާންސްގެ ބޮޑެތި ސިޓީތަކުގައި ވަނީ މިފަދަ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ޔޫރަޕުގެ ޤައުމުތަކުން މިހާރުވަނީ ރަސްމީކޮށް ކޮވިޑު-19 ގެ ދެވަނަ ރާޅެއް އެރީ ކަމަށް ނިންމާފައެވެ. 

ޖަރުމަންވިލާތުގައިވެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު މެދުތެރޭ ޔޫރަޕުގެ ޗެކްރިޕަބްލިކުން ދަނީ އެ ޤައުމުގެ އަސްކަރިއްޔާ ބޭނުންކޮށްގެން ވަގުތީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފިނި މޫސުން އަންނަ އިރު ކޮވިޑު-19 ގެ ހާލަތު އިތުރަށް ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ޕޮލޭންޑުގައިވެސް ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރެވެމުންނެވެ. 

ޖަރުމަނުގެ ވެރިރަށް ބާލިންގައި މިހާރު ވަނީ ރޭގަނޑު 11 އާއި 6 އާއި ދެމެދު ބަނގުރާ ވިއްކުން މަނާކޮށްފައެވެ.އަދި އާންމުކޮށް ތަންތަނަށް އެއްވެ އުޅުމުގައި ވަކިވަރަކަށްވުރެ ގިނަ މީހުން އެއްވެ އުޅުންވެސް ވަނީ މަނާކުރެވިފައެވެ. 

މި އަހަރުގެ ކުރީކޮޅު ޔޫރަޕުގައި ކޮވިޑު-19 ފެތުރެން ފެށިއިރު އެތައް ހާސް ބަޔަކަށް އެ ބަލި ޖެހި ވަނީ މަރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު