Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންތިޚާބު ގާތްވުމާއެކު އިސްލާމްދީނާއި މުސްލިމުންނަށް ފަރަންސޭސި ރައީސް މެކްރޯންގެ ހަމަލާތައް!

ކޮރޯނާވައިރަސް ވަބާއީ ބަލިމަޑުކަމުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯން ސިޔާސީ ގޮތުން އެންމެ އިސްކަންދެއްވާ ކަމެއްގެ ގޮތުގައި އެ ޤައުމުގެ މުސްލިމުންގެ މައްޗަށް އިތުރު ހިފަހެއްޓުންތަކެއް ލާޒިމުކުރުން ހައްދަވައިފިއެވެ.
އެގޮތުން އިސްލާމްދީނަކީ ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއް ކަމުގައި ވިދާޅުވެ، އެ ޤައުމުގެ މުސްލިމުންގެ ތެރެއިން ބައެއް މީހުންނަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ބައެއްް ކަމުގައި ސިފަކުރައްވައި މެކްރޯންވަނީ ވާހަކަފުޅުދައްކަވާފައެވެ. "އިސްލާމްދީނަކީ މުޅި ދުނިޔޭގައިވެސް ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއް. މިއީ ހަމައެކަނި އަހަރުމެންގެ ޤައުމުން ފެންނަ މަންޒަރެއް ނޫން" މެކްރޯން ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވީ ފަރަންސޭސި އަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް އިތުރަށް ވަރުގަދަކުރުމަށް އައު ޤާނޫނުތަކެއް ތަޢާރަފުކުރެއްވުމަށް ދެއްވި ތަޤުރީރެއްގައެވެ. މިހާރު ހަދާފައިވާ ޤާނޫނުތަކުގެ ދަށުންވެސް މިސްކިތްތަކާއި އެ ނޫންވެސް ތައުލީމީ މުއައްސަސާތަކުގައި ބުރުގާއެޅުންވަނީ މަނާކޮށްފައެވެ. އަދި މޫނުބުރުގާ އަޅާ އަންހެނުން ޖޫރިމަނާކުރެވޭނެ ގޮތްވެސްވަނީ ހަދާފައެވެ. އަދި އެމީހުންގެ މައްޗަށް ޖިނާއީ ދައުވާވެސް އުފުލޭނެ ގޮތަށް ޤާނޫނުވަނީ ބައްޓަންކޮށްފައެވެ.
މި ސިޔާސަތުތަކީ މަރުކަޒީ ސަރުކާރުގެ އިތުރަށް ސަރަހައްދީ ސަރުކާރުތަކަށްވެސް އެ ސަރަހައްދުތަކުގެ ސިޔާސީ މީހުން ބޭނުންވާ ގޮތެއްގައި ފަރަންސޭސި ސެކިއުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތު މާނަކުރުމުގެ ޖާގަ ލިއްބައިދޭ ސިޔާސަތުތަކެކެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި މުސްލިމު ވިޔަފާރިތަކުން އެ ވިޔަފާރިވެރިންގެ ޢަޤީދާއާ ފުށުއަރާ ބައެއް ތަކެތި ވިއްކުމަށް ދެކޮޅު ހެދުމާ ގުޅިގެން އެ ވިޔަފާރިތައް ބަންދުކޮށްފައިވެއެވެ.
ނަމަވެސް މި ނިޒާމަކީވެސް އެކަށީގެންވާ މިންވަރަށް ހަރުކަށި ނިޒާމެއް ކަމުގައި ޤަބޫލުނުކުރެއްވޭތީ މުޅިން އައު ފިޔަވަޅުތަކެއް ތައާރަފުކުރެއްވުމަށް މެކްރޯންވަނީ މަސައްކަތް ފައްޓަވާފައެވެ. މެކްރޯންގެ ވާހަކަފުޅާ ގުޅިގެން މުސްލިމުންނާއި އެނޫންވެސް ފާޑުކިޔާ ފަރާތްތަކުންވަނީ ވަރަށް ބޮޑަށް މެކްރޯންގެ މި ވާހަކަތައް ކުށްވެރިކޮށްފައެވެ.
ސިޔާސީ ސައެންސްވެރިއެއް ކަމުގައި ބުރޫނޯ މަކައެސް ވިދާޅުވި ގޮތުގައި މެކްރޯންގެ ވާހަކަތަކަކީ ސިހުން ގެނުވި ވާހަކަތަކެކެވެ. މިހާތަނަށް ހުޅަނގުގެ ލީޑަރުންގެ ވާހަކަތަކުގައި އިސްލާމްދީނާއި ހަރުކަށި ހައްދުފަހަނައެޅި ޖަމާޢަތްތަކާމެދުގައި ތަފާތުކޮށް ވަކިކޮށްފައިވާ ކަމަށާއި، ނަމަވެސް މެކްރޯންވަނީ އެ ތަފާތުކުރުން އެއްފަރާތްކުރައްވާފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އިސްތިއުމާރުގެ ޒަމާނުއްސުރެ ފަރަންސޭސި ދައުލަތަކީ އިސްލާމީ ޝަޚުޞިއްޔަތާއި، މުސްލިމުންނާމެދު ރުޅިވެރިކަމުގެ ސިޔާސަތެއް ގެންގުޅެފައިވާ ދައުލަތެކެވެ. އެގޮތުން ފަރަންސޭސި އިސްތިޢުމާރު އަލްޖަޒާއިރުގެ މައްޗަށް ހިނގި ޒަމާނުގައި އެ ޤައުމުގެ އަންހެނުންނަށް ބުރުގާ ނަގަން މަޖުބޫރުކޮށް، ފަރަންސޭސި ރައްޔިތުކަން ދިނުމުގައި އިސްލާމްދީން ދޫކުރުން ޝަރުޠުކޮށްފައިވެއެވެ.
މިހާރު ޔޫރަޕުގައި އިންތިޚާބުތަކުގައި ކާމިޔާބުކުރުމަށާއި، ޤައުމުތަކަށް ކުރިމަތިވެފައި ހުންނަ ޙަޤީޤީ މައްސަލަތަކުން މީހުންގެ ސަމާލުކަން އެކަހެރިކުރުމުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަދެއްކުމަކީ ޔޫރަޕުގެ ލީޑަރުން ބޭނުންކުރައްވާ ހަތިޔާރެއްގެ ގޮތުގައި މުހައްލިލުން ސިފަކުރައްވައެވެ.
މި ލިއުމާއި ގުޅޭ